ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހުށައެޅި ބިލް ބަލައިނުގަތުމަށް ވޯޓު ދިނުމުގެ މާނައަކީ 653 އާއިލާ މަގުމަތި ކޮށްލުން ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ހުށައެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020، މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެބިލު ބަލައި ގަތުމާ ދެކޮޅަށް 6 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

އެކަމާ ގުޅިގެން މެމްބަރު ސަލީމް ވިދާޅުވީ، މިއީ 653 ޢާއިލާ މަގުމަތިކޮށް ނިކަމެތިވުން އެންމެ ރަނގަޅުކަމަށް ދެކުން ކަމަށެވެ.

މި ބިލާ އެއްކޮޅަށް އެމްޑީޕީގެ 53 މެމްބަރުން ވޯޓުދެއްވާފައިވާއިރު، ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދާއި، ގުރައިދޫ ދާއިރާގެ ޣައްސާން މައުމޫނާއި، ނިލަންދޫ ދާއިރާގެ އަބްދުލް މުޙްސިން ޙަމީދާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އާއި، ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް އެވެ.

މިބޭފުޅުންގެ އިތުރުން އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވޯޓުދެއްވީ ވަކިގޮތަކަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

މިއަދުގެ މަޖިލީހުުގައި ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ، އާއްމު ގާނޫނަކުން، ގާނޫނުއަސާސީގައި ކަނޑަައަޅާފައި އޮތް މުއްދަތެއް މަޖިލީހުގެ ސިމްޕަލް މެޖޯރިޓީއަކުން އިތުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް މިހާރުވެސް އެއްވެސް ހުރަހެއް ނެތްކަމަށް ދައުލަތުގެ ބަންޑާރަނައިބާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ވަނީ ލަފާ ދެއްވާފައެވެ.

މި ބިލް މިހާރު ވަނީ މަޖިލީހަށް ބަލައިގަނެ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން