ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ބޯދާ ވިސްނުންދޫކޮށް އައްޑޫގައި ބޭރުގެ ކޮންސިއުލޭޓް އޮފީސްތައް ހުޅުވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އައްޑޫގައި އިންޑިޔާ ކޮންސިޔުލޭޓް އޮފީހެއް ގާއިމު ކުރުމާ ދެކޮޅަށް އައްޑޫ ރައްޔިތުން ނުކުންނަންޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ގޮވާލަމުން ދާތީ، އެފަރާތްތަކަށް ރައްދު ދެއްވަމުން އަލްހާން މިއަދު ވިދާޅުވީ، އައްޑޫގައި ބޭރު ޤައުމެއްގެ ކޮންސިއުލޭޓް އޮފީހެއް ޤާއިމް ކުރުމަކީ އައްޑޫ ވިއްކާލުން ކަަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ބޭރު ޤައުމެއްގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމަކީ އުފާކުރަންޖެހޭ ކަމެއްކަމަށް އަލްހާން ވިދާޅުވިއެވެ.

"ބޯދާ ވިސްނުމުގައި ތަހުޒީބުވާން ބިރުން ތިބެގެން ދުވަހަކުވެސް ހަގީގީ ކުރިއެރުމާ ތަރައްޤީއެއް ނާންނާނެ!" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ އައްޑޫ މީހުން ވަރަށް ސްމާރޓް ވާނެ ކަމަށާއި، ސިޔާސީ މީހުން ހޮޅިވާހަކަ ދައްކައިގެން އައްޑޫ ރައްޔިތުން ގުނބޯ ހެއްދި ޒަމާން މާޒީވެގެން ހިނގައްޖެ ކަމަށެވެ. އޭގެ އިތުރުން މިއީ 21 ވަނަ ޤަރުނު ކަމަށާއި، މިއީ އިސްތިއުމާރީ ޒަމާނެއް ނޫން ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

ޓެކްނޮލޮޖީގެ މިޒަމާނުގައި، ވިސްނުން ތަރައްޤީ ކޮށްގެން ނޫނީ ބައެއް ކަންކަން ނުވިސްނޭނެ ކަމަށް އަލްހާން ވިދާޅުވިއެވެ. އިންޑިއާއަކީ ޒަމާންވީ ގާތް ގުޅުން އޮންނަ ރައްޓެހި ޤައުމެއްކަމަށް ވުމުން އައްޑޫ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަން އަލްހާން ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ވެރި ރަށް މާލޭގައި އިންޑިއާގެ ހައިކޮމިޝަނެއް ހުންނަތާ އުމުރުން ވީ ދުވަސް ވެއްޖެ ކަމަށާއި، އެހެންކަމުން އައްޑޫގެ ކުރިއެރުމަށް އެ ފުރުސަތު އައްޑޫ ރައްޔިތުން ނުހޯދަންވީ ސަބަބެއް ނެތްކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ޤާއިމްކުރުމަށް އިންޑިއާގެ ކެބިނެޓުން ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން ރައީސް ޞާލިޙް ރޭ ވިދާޅުވީ އެ މައްސަލާގައި ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން