ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް
ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް
ރައްޔިތުން ގޭބަންދުކޮށްފައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އުޅުއްވަނީ އދ ގެ ގޮނޑި ކާމިޔާބު ކުރުމަށް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އދގެ އާންމު މަޖިލީހުގެ ރިޔާސަތު ހޯއްދެވުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގެންދަވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކުރަށްވަމުންނެވެ. އެގޮތުން އިންތިޚާބުގެ ކެމްޕޭނަށް ޝާހިދު އެމެރިކާގައި އުޅުއްވާތާ މިހާރު ވަނީ މަހެއްހާ ދުވަސް ވެފައެވެ. ކޮވިޑާއި ގުޅިގެން ޤައުމުގެ އިޤްތިޞާދީ ޙާލަތު ބޮޑު ވަޅުގަނޑަކަށް ވެއްޓިފައިވާއިރު މިނިސްޓަރ ޝާހިދު ދަޢުލަތުގެ ޚަރަދުގައި ރާއްޖޭން ބޭރުގައި އުޅުއްވާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވީ، ޤައުމު ކޮންމެ ޙާލެއްގައި އޮތް ނަމަވެސް މިނިސްޓަރ ޝާހިދަށް މުހިންމީ އދގެ ގޮނޑި ކަމަށެވެ. އަދި އެކަމަށްޓަކައި ދައުލަތުގެ ޚަރަދުގައި ފޮރިން މިނިސްޓްރީގެ 40 މުވައްޖަފުންނާއެކު ޝާހިދު އުޅުއްވަނީ ރާއްޖެއިން ބޭރުގައި ކަމަށް މުޙައްމަދު ވިދާޅުވިއެވެ.

"ގައުމު ލޮކްޑައުންކޮށް ރައްޔިތުން ގޭބަންދުގަ؟ ކޮވިޑްގެ ބަލީގަ ދުނިޔެ ދޫކުރާ ދިވެހި ރައްޔިތުންގެ ނިސްބަތް ދުވަހެއް ދުވްހަކައް ދަނީ އިތުރުވަމުން." މުޙައްމަދު ވިދާޅުވިއެވެ.

އދ ގެ އާންމު މަޖިލިސްގެ ރިޔާސަތަކީ އެ ޖަމިއްޔާގެ އެންމެ މަތީ މަގާމެވެ. ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހުއެވެ. ޝާހިދު އެ މަޤާމަށް ގެނައުމަށް އިންޑިއާއާއި، ސަޢުދީންވެސް ވަނީ ތާޢީދު ކޮށްފައެވެ. އަދި ޝާހިދު މަޤާމަށް ހޮވުމަށް ބޭނުންވާ ވަރަށް ތާޢީދު ހަމަވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެެ. އެއީ އެފްރިކާ، އޭޝިއާ-ޕެސިފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އަދި ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ. މިއީ އެއްއަހަރު ދުވަހުގެ ދައުރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން