ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން
ރައީސް ނަޝީދަށް ރައްކާތެރިކަން ދިނުމުގައި ސަލާމަތީ ބާރުތައް ނުކުޅެދިފައިވާކަން އެނގިވަޑައިގެންފި ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން ވިދާޅުވެއްޖެއެވެ.

މިމަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާއަށްފަހު އެމަނިކުފާނުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި އެމްއެންޑީއެފް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް އެމްއެންޑީއެފުން ދަނީ އެކަން ދޮގުކޮށް، އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ހުރި ދަތިތައް އެމަނިކުފާނާ ޙިއްސާކޮށްފައިވާ ކަމަށް ބުނަމުންނެވެ.

އެކަމާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން ވިދާޅުވީ، ރައީސް ނަޝީދަށް ދެވުނު ހަމަލާއިން އެގިގެންދިޔަ ހަގީގަތަކީ އެމަނިކުފާނަށް ރައްކާތެރިކަން ދިނުމުގައި ސަލާމަތީ ބާރުތަކުން ނުކުޅެދިފައިވާކަން ކަމަށެވެ. އަދި ބޭކާރު ވާހަކަ ގިނަކުރުމުގެ ބަދަލުގައި ޒިންމާ އަދާކުރެއްވުމަށް މުހުތާޒް ވަނީ ސަލާމަތީ ޚިދުމަތްތަކަށް ގޮވާލައްވާފައެވެ.

މުހުތާޒް އިތުރަށް ވިދާޅުވީ، "ސަލާމަތީ ޚިދުމަތްތަކަކީ ވާހަކަ މަދު އަމަލުގިނަ ތަންތަނަށް ވާންޖެހޭ" ކަމަށެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ އަކުން އެމްއެންޑީއެފްގެ އިސްފަރާތަކާ ޙަވާލާދީ އިއްޔެ ބުނެފައިވަނީ، ގ. ކެނެރީގޭގައި ދިރިއުޅުއްވާނަމަ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށް ދިނުމަކީ ދަތިކަމެއް ކަމަށެވެ. އެގޮތުން އެގެއަކީ ވަރަށް އާދައިގެ ގޮތަކަށް ހުރި ގެއަކަށް ވުމުން އެކަން ކުރުމަށް ދަތިވާ ކަމަށާއި، އެ ގެ ހުރި ނީލޯފަރުހިނގުމުގައިވެސް މައްސަލަތަކެއް ހުރި ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް މަޖިލީހުން އިންކްއަރީއެއް ފަށާފައިވާއިރު، އެމައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ތަހުގީގު އެކަށީގެންވާ ގޮތެއްގައި ރަނގަޅަށް ކުރިއަށްނުދާނަމަ އެކަން ރައްޔިތުންނަށް ހާމަކުރާނެ ކަމަށް އެމްޑީޕީންވެސް ވަނީ ބުނެފައެވެ. އަދި އެޙަމަލާއާއި ގުޅިގެން ޕްރޮޕެގެންޑާ ނުފެތުރުމަށްވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން