ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
މިއަދަކީ ދިވެހި އަސްކަރިއްޔާއިން ޓެރަރިސްޓް ހަމަލާއިން ރާއްޖެ ސަލާމަތްކޮށްދިން ދުވަސް ކަމަށާއި، މިއީ ދިވެހިންނަށް ކާމިޔާބު ލިބުމުގެ އުފާ ފާހަގަކުރާ ނަސްރުގެ ދުވަސް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ފަޚުރުވެރި 38 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަށްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ ދިވެހިންނަށް ކާމިޔާބު ލިބުމުގެ އުފާ ފާހަގަކުރާ ދުވަސް ކަމަށާއި، މިއީ ރާއްޖޭގެ ސިފައިން އިސްވެތިބެ ޓެރަރިސްޓް ނުރައްކާތެރި ހަމަލާއިން ޤައުމު ދިފާޢުކޮށް، ސަލާމަތްކޮށްދިން މަތިވެރި ދުވަސް ކަމަށެވެ.

ދިވެހިރާއްޖޭގައި ނަސްރުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ، 1988 ވަނަ އަހަރުގެ އެ ދުވަހު ދިވެހި ޚާއިނުންގެ ބަޔަކާއި ސްރީލަންކާގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާއި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާ ދެމެދުގައި ވީ އެއްބަސްވުމެއްގެ ދަށުން ދުރާލައި ރާވައިގެން ދިވެހިރާއްޖެ މިނިވަންކަން ނަގާލައި ވެރިކަން ފިރާލުމަށް ދިން ވަރަށް ބިރުވެރި އަދި އެހާމެ ނުރައްކާތެރި ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ޤައުމު ހޯދި މަތިވެރި ނަޞްރުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ޕްލޯޓް ޖަމާޢަތަކީ ތަމަޅައިންގެ އެންމެ ބޮޑު ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތްކަމުގައިވާ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އިން ވަކިވެގެން 1980 ވަނަ އަހަރު އުފެއްދި ޖަމާޢަތެކެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ދިން މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ. މި ހިތާމަވެރި އަދި ބިރުވެރި ހާދިސާގައި ދިވެހި ޤައުމާއި ދީނުގެ ދިފާޢުގައި ހަނގުރާމަކުރި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ މި ފަސްގަނޑަށް ޝަހީދުވެ ގޮސްފައެވެ.

މާތް ﷲ ގެ ވާގިފުޅާއެކު ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ފަހުލަވާނުން ދެއްކެވި ސާބިތުކަމުގެ ސަބަބުން ލިބުނު މި މަތިވެރި ނަޞްރާއި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ރަސްމީކޮށް "ނަޞްރުގެ ދުވަސް" ފާހަގަކުރަން ފަށާފައިވަނީ 1989 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު