ޕީޕީއެމް ޕީއެންސީ ގެ ނޫސްކޮންފަރެންސެއްގެ ތެރެއިން (ފޮޓޯ:- ޕީޕީއެމް ޕީއެންސީ)
ޕީޕީއެމް ޕީއެންސީ ގެ ނޫސްކޮންފަރެންސެއްގެ ތެރެއިން (ފޮޓޯ:- ޕީޕީއެމް ޕީއެންސީ)
ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ ބިލަކީ ގާނޫނު އަސާސީއާއި ހިލާފު ބިލެއް ކަމުގައި ކަނޑައެޅުމަށް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިބިލަކީ ގާނޫނުއަސާސީ އާއި ކަނޑއެޅިގެން ހިލާފަށް މަޖިލީހުން ފާސްކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި ގާނޫނުއަސާސީގައި ލޯކަލް ކައުންސިލް ތަކުގެ ދައުރު ކަނޑައެޅި ބަޔާންވެފައި ވަނިކޮށް މަޖިލީހުން ފާސްކުރާ އެހެން ގާނޫނަކުން ގާނޫނު އަސާސީގެ އެހެން މާއްދާއެއް ބާތިލު ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން މި ބިލަކީ ގާނޫނު އަސާސީއާއި ހިލާފު ބިލެއް ކަމުގައި ކަނޑައެޅުމަށް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އެ ކޯލިޝަންގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން، ގާނޫނުއަސާސީގައި ބަޔާންވެފައިވާ ކަމެއް ކުރުމަށް ހުރަސްއެޅޭފަދަ ކަމެއް ދިމާވެ، އެކަމުގެ ހައްލު ގާނޫނުއަސާސީން ނުލިބޭނަމަ އެކަމުގެ ފަރުވާ ހޯދަންޖެހޭ ތަނަކީ ސުޕްރީމް ކޯޓުކަމަށްވެސް ގާނޫނުއަސާސީގައިވަނީ ބަޔާންކޮށްފައި ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މަޖިލީހަށް މިއަދު ހުށައަޅާ، މަޖިލީހަށް ބަލައިގެންފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020 އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ދުސްތޫރީ ނިޒާމްގައި ހަމަޖެހިފައިހުރި އުސޫލްތަކާއި އަސާސްތައް ގަޑުބަޑުކުރުމަށް ހުށަހަޅައިފައިވާ ބިލެއް ކަމަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މި ބިލަކީ ގާނޫނު އަސާސީ އަށް ގޮންޖަހައި މަޖިލީހުގައި އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގައި އިންތިހާބުތަކާއި ކުޅުމުގެ ދޮރު ހުޅުވުމުގެ ފުރުސަތު ހޯދުމަށް އެމްޑީޕީން ކުރަމުންގެންދާ މަސައްކަތެއްްގެ ގޮތުގައިވެސް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރެއެވެ.

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ އިންތިހާބު ކޯވިޑް-19 އާއި ގުޅިގެން ވަކި މުއްދަތެއް ނެއްގޮތަށް ފަސްކުރުމަށް މިހާރުވަނީ ނިންމައިފައެވެ. މިއާއެކު މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވާއިރު އާ ކައުންސިލަރުން އިންތިހާބު ނުކުރެވުމުގެ ބިރު މިހާރު އޮތުމުން މަޖިލީހުން ވަނީ އެކަމަށް ގާނޫނީ ފަރުވާއެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން