ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ)
ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ)
މި ސަރުކާރުގެ އަސްލު ސައިޒް އެނގޭނީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ނުލާ އިންތިޚާބެއްގައި ވާދަކޮށްލުމުން ކަަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ ދެބައިވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ސަޕޯޓަރުންގެ މެދުގައި ވަނީ ބަހުގެ ހޫނު ޙަމަލާތަކެއް ބަދަލުކުރަން ފަށާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ދެބަޔަށް ބެހިފައިވާއިރު މިހާތަނަށް މަޖިލީހުގެ ތެރެއިން ކުރި ހޯއްދަވާފައި ވަނީ ރައީސް ޞާލިޙުކަން ވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުންތަކާ ގުޅިގެން ވާހަކަ ދައްކަވަމުން އާއްޓޭ ވިދާޅުވީ، ރައީސް ނަޝީދުގެ ސިޔާސީ ބުރަދަން މި ސަރުކާރަށް ވަޒަން ކޮށްލެވޭނީ ރައީސް ނަޝީދު ދުނިޔޭގައިހުންނަވައި ރައީސް ނަޝީދާ ނުލައި މި ސަރުކާރުން ބޮޑު އިންތިޚާބަކަށް ނުކުތީމާ ކަމަށެވެ. އަދި ރައީސް ނަޝީދާ ނުލައި ވެރިކަމަށް ނުކުމެއްޖެ ނަމަ މި ސަރުކާރުގެ އަސްލު ސައިޒް ސަރުކާރަށް އެނގޭނެ ކަމަށް އާއްޓޭ ވިދާޅުވިއެވެ.

"މިހާރު ސަރުކާރު ހިންގަންތިބި މީހުން 2023 ގައި ރައީސް ނަޝީދު ދުނިޔޭގައި ހުރެ، ރައީސް ނަޝީދާ ނުލައި ވަކިން ނިކުމެގެން ރައީސް ވަޙީދުގެ ރެކޯޑާ ގާތް ކުރާނެ." އާއްޓޭ ވިދާޅުވިއެވެ.



2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުން މުޅި ރާއްޖެއިން އެމަނިކުފާނަށް ލިބިވަޑައިގެންނެވީ އެންމެ ފަސް އިންސައްތަ ވޯޓެވެ. އެއީ 10،750 ވޯޓެވެ. އެމަނިކުފާނުގެ ނައިބަކަށް ވާދަ ކުރެއްވީ ޑީއާރުޕީގެ އޭރުގެ ލީޑަރ އަޙްމަދު ތަސްމީން އަލީ އެވެ. އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރ އަލީ އާޒިމާއި، ޗީފް ވިޕް ރޮޒޭނާ އާދަމް އޭރު ތިއްބެވީ ޑީއާރުޕީގައެވެ.

ނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނަ އަށް ދިޔަ ޖުމްހޫރީ ޕާޓީން ހުށައަޅައިގެން ސުޕްރީމް ކޯޓުން ފަހުންވަނީ އިންތިޚާބުގެ އެބުރު ބާތިލްކޮށްފައެވެ. އެއާއެކު ރައީސް ވަޙީދު ނިންމެވީ އެއްވެސް ބޭފުޅަކަށް ތާޢީދު ނުކުރެއްވުމަށެވެ. އެމަނިކުފާނުގެ ރަނިންގމޭޓް ތަސްމީން ތާޢީދު ކުރެއްވީ ރައީސް ނަޝީދަށެވެ.

އެއާއެކު އަލުން އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވައިގެން 96،764 ވޯޓު ލިބިވަޑައިގެންނެވި ރައީސް ނަޝީދާއި، 61،278 ވޯޓު ލިބިވަޑައިގެންނެވި ރައީސް ޔާމީން ދެވަނަ ބުރެއްގައި ވާދަކުރަށްވަން ޖެހުނެވެ. އަދި 48،131 ވޯޓާއެކު ތިން ވަނަ ހޯއްދެވި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ތާއީދު ކުރެއްވީ ރައީސް ޔާމީނަށެވެ. އެ އިންތިޚާބު 51.39 އިންސައްތަ ހޯއްދަވައިގެން ކާމިޔާބު ކުރެއްވީ ރައީސް ޔާމީނެވެ. އެއީ 111،203 ވޯޓާއެކުވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 48.61 އިންސައްތަ ވޯޓެވެ. އެއީ 105،181 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން