ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް
ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް
ޤައުމީ ޓީމްތަކުގެ ކުޅުންތެރީންނަށް މި ވަގުތު އެލަވަންސް ނުލިބެނީ ޕްރެކްޓިސް ނުކުރާ ދުވަސްވަރަކަށް ވާތީ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފު ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭ އެލަވަންސަކީ އެމީހުންގެ ފަރިތަކުރުންތަކަށް ބެލުމަށްފަހު ދޭ އެލަވަންސެއް ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ފަރިތަކުރުންތައް ހުއްޓިފައިވާތީ ކުޅުންތެރިންގެ އެލަވަންސް ނުލިބެނީ ކަމަށެވެ.

"ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން، އެލަވަންސެއް. މުސާރައަކީ ދާއިމަށް ދެވޭ އެއްޗެއް. އެލަވަންސް އަޅުގަނޑުމެން މިދެނީ އެމީހުން ކުރާ ޕްރެކްޓިސްތަކާއި މިހުރިހާ ކަމަކަށް." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެކަން ހިނގާ ގޮތް އެސޯސިއޭޝަންތަކަށް ވެސް އެނގޭނެ ކަމަށާއި މިހާލަތުން އަރައިގަނެވުމުން އެލަވަންސާމެދު ވަކި ގޮތެއް ނިންމާނެ ކަމަށެވެ. މީގެ އިތުރުން ކްލަބްތަކަށް ދެމުން އައި ކޯޗުންގެ މުސާރައިގެ މައްސަލައަށްވެސް މި ހާލަތުން އަރައިގަނެވުމުން ހައްލެއް ލިބޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން މި ދަނޑިވަޅުގައި މިހާތަނަށް އެލަވަންސަށް އެދިފައިވަނީ 3 އެސޯސިއޭޝަނުންކަން ފާހަގަކޮށް މިނިސްޓަރ ވަނީ، އެސޯސިއޭޝަން ތަކަށްވެސް ރާއްޖެ މިހާރު މިއޮތް ޙާލަތު ވަޒަންކުރެވޭ ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ސަރުކާރުން ކޮންމެ މަހަކު 1.4 މިލިއަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދެމުން އަންނަ ކަމަށެވެ. އަދި ހުރިހާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް އަންހެން ފިރިހެން ތަފާތު ކުރުމެއްނެތި 5000 ރުފިޔާ ސަރުކާރުން ދެމުން އަންނަ ކަމަށެވެ. އަދި އެކަމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެއްގެ ގޮތުން ދެއްވާ އެލަވަންސެއް ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން