ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން އާއްމުކުރުމުން އެރިޕޯޓުގައިވާ މައްސަލަތަކާއި ގުޅުންހުރި މީހުންނަށް ހެކިނައްތާލުމުގެ ފުރުސަތު ނުލިބޭނެތޯއޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ސުވާލު އުފައްދަވައިފިއެވެ.

17 ނޮވެމްބަރު 2018 ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ތަޙުޤީޤާއި ގުޅޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުން ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހު މަޖިލީހުގެ މެންބަރުންނާ ޙިއްސާކޮށްފައެވެ. އެހެން ނަމަވެސް އެ ރިޕޯޓަށް ބިނާކޮށް އެއްވެސް ފަރާތެއްގެ މައްޗަށް އަދި ދަޢުވާއެއް އުފުލާފައެއް ނުވެއެވެ. އޭގެ އިތުރުން ރައީސް އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަންގެ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއްވެސް ޢާއްމު ކުރީ މަޖިލީހުންނެވެ.

އެކަންކަމާ ޙަވާލާދެއްވައި މޫސަ މިއަދު ވިދާޅުވީ އެ ކޮމިޝަންތަކުގެ ރިޕޯޓަކީވެސް ދަޢުލަތުގެ ސިއްރު ކަމަށާއި، އެ ރިޕޯޓްތައް ޢާއްމު ކުރުމަކީ ހެއްކަށް ނުފޫޒުފޯރުވަން ދެވޭ ފުރުސަތެއް ކަމަށެވެ. މޫސަ މިމޭރުމުން ވިދާޅުވީ، ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގޭގެ ތަފްސީލްތައް ހިމެނޭގޮތުން ރާއްޖޭގެ ނޫހެއްގައި ލިޔުނު ޚަބަރުގައި ހިމެނޭ މަޢުލޫމާތުތަކަކީ ދަޢުލަތުގެ ސިއްރުތައް ދެނެވަޑައިގެން ހުންނެވި ބޭފުޅަކަށް މަޤާމުގެ ޙައިސިއްޔަތުން ލިބިފައިހުރި މަޢުލޫމާތެއް ހާމަކުރެއްވުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ތުހުމަތު ކުރަށްވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.



މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި ރިޟުވާން ރަހީނުކޮށްގެން ގެންގޮސް ކަނޑުފެއްތުމަށް ފަންޑުކޮށްފައިވާ ވިޔަފާރިތައްވެސް ފާހަގަކޮށްފައިވެއެވެ. އެކަމާ ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ބައެއް ފަރާތްތައް ހައްޔަރުކުރި ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލާފައެވެ.

މަރުކޮމިޝަނުން އެކުލަވާލި މަރުހޫމް ޑރ. އަފްރާޝީމުގެ މަރާގުޅޭ ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރކަން ވެސް ކުރައްވާފައިވާ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ތުހުމަތު ތަކެއް ކޮށްފައި ވެއެވެ. އެ ތުހުމަތުތަކާއި ގުޅިގެން ޑރ. ޝަހީމް ވަނީ މަރުކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މިރިޕޯޓްގައި މަރުހޫމް އަފްރާޝީމްގެ މަރާއި ޑރ. ޝަހީމާއި ގުޅުމެއް ވާކަމަށް ދޭހަކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

އަދި އެމައްސަލައިގެ ތުހުމަތުގައި ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެކޮމިޝަނުން ޕީޖީ އޮފީހަށް ވެސް ފޮނުވިއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ދައުވާ ކުރާ ވަރަށް ހެކި ނެތުމުންނާއި ތަހުގީގް ފުރިހަމަނުވާކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން