މީހަކާ ދިމާއަށް ލާދީނީއޭ ބުނުމަކީ ނުވަތަ އެހެން ކިއުމުގައި ބައިވެރި ވުމަކީ ނަފުރަތު އުފެއްދުން ކުށެއް ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ސަބަބުން ލާދީނީ ފިކުރު ރާއްޖޭގައި އާލާވާނެ ކަމަށް ކުރީގެ ނައިބުރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ ބިލުގައި ބުނާގޮތުން އާންމު ތަނެއްގައި މީހަކާ ދިމާއަށް އޭނާ އިސްލާމްދީނާ ޚިލާފަށް އުޅޭ ކަމަށް ބުނުމަކީވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެއީ ޖިނާއީ އަދަބު ކަނޑައެޅޭ ކުށެއްކަމަށް ވެސް އެނާ ވަނީ ބިލުގައި ހިމަނާފައެވެ.

އެ އިސްލާހާ ގުޅިގެން ފާޑުވިދާޅުވަމުން ޑރ. ޖަމީލު ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުމަކީ އެންމެ ބޮޑުކުށް ކަމަށް ކަނޑައަޅަންވީ ކަމަށެވެ. މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ލާދީނީ ފިކުރުތައް ރާއްޖޭގައި އާލާވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި މި ބިލުން ފެންނަނީ ރައްޔިތުންގެ ޙައްޤުތައް ފޮތިފޮތި ކުރަން ފެންބޮވައިގަނެފައިވާ މިންވަރު ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. މިހާރު ޤާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ނަމެއް ކިޔާ ގޮތުންވެސް ކުށްވެރިވެދާނެ ކަމަށާއި، މިއީ އެތައް ގޮތަކުން ހަމަނުޖެހޭ އަދި ނުރައްކާތެރި އިސްލާހެއް ކަމަށް ޑރ. ޖަމީލް ވަނީ ފާހަަގަކުރައްވާފައެވެ.

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާއި ގުޅުވައިގެން މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުމަކީ ނަފްރަތުގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަށް ހިސާން ހުށައެޅުއްވި އެބިލްގައި ވަނީ ބަޔާންކޮށްފައެވެ.

މީގެކުރިން މީހަކު ލިޔާ ލިއުމަކުން، ފާޅުކުރާ ޚިޔާލަކުން ނުވަތަ ބުނާ ބަހަކުން ނޫނީ ކުރާއިޝާރާތަކުން ކުށްވެރިވާ ގޮތަށް އޮތް ގާނޫނަކީ ރައީސް ޔާމިންގެ ވެރިކަމުގައި ވުޖޫދަށް ގެނައި މަޝްހޫރު އަބުރުގެ ގާނޫނެވެ. އެއީ މިސަރުކާރު ވެރިކަމަށް އައިސް އުވާލުމަށް ވަޢުދުވެގެން އައިސް އުވާލާފައިވާ ގާނޫނެކެވެ. ނަމަވެސް މިހާރު އަނެއްކާވެސް މި ތަކުރާރުވާ މަންޒަރު ފެންނަނީ ވަކި ގާނޫނެއް ނުހަދައި އެކި ގާނޫނުތަކަށް ގެނެވޭ އިސްލާހުތަކުން ހަމަ އެކަންކަން އަލުން ވުޖޫދުކުރަން މަސައްކަތް ކުރާތަން ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން