ރައްޔިތުންގެ މަޖިިިލިސް
ރައްޔިތުންގެ މަޖިިިލިސް
ކާރިސާތަކާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނޭ ގޮތްތައް ކަނޑައަޅައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު އިސްލާހު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޤާނޫނު ނަންބަރު 12/2016، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އަދި މިބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ މަޖިލީހަށް އިއްވާފައެވެ.

މި ބިލު ހުށައެޅި މަޤްސަދެއްކަމުގައި ސަރުކާރުން ބުނެފައިވަނީ، ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި އެނޫންވެސް އެފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާގެ ހާލަތްތަކުގައި އަމަލުކުރާނޭ ހާއްސަ އުސޫލުތަކެއް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން އެފަދަ ހާލަތެއްގައި އެ ޤާނޫނުގައި ބަޔާންކުރާ އާންމު އިޖުރާއަތުތައް ހިންގުމަށް ދަތިވާތީ ކަމާގުޅޭގޮތުން އަމަލުކުރާނެ ހާއްސަ އިޖުރާއަތުތަކެއް ބަޔާންކުރުމަށް ޓަކެއެވެ.

އެގޮތުން މި އިސްލާހުގައި ވަނީ ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގިދާނެ ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށްގެންދެވޭނޭ ހާލަތްތަކާއި އުސޫލުތައް ޤާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރަންވާނޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މި ބިލުގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި، ކާރިސާއެއް އިއުލާނު ކޮށްފައިވާ ހާލަތްތަކާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ ހާލަތުގައި ހާއްސަ އިޖުރާއަތުތަކަށް އަމަލުކުރެވިދާނެކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މި ހާއްސަ ހާލަތްތަކުގައި ހައްޔަރުކުރުމާއި ބަންދުކުރުމާބެހޭ ހާއްސަ އިޖުރާއަތުތަކާއި ހާއްސަ ހާލަތުގައި ބަންދާމެދު ގޮތްނިންމުމާއި ގުޅޭ އިސްލާހުވެސް ހުށަހަޅާފައެވެ. އެގޮތުން ބިލުގައި ބުނެފައިވަނި ބަންދާއި މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާކަމަށެވެ.

މީގެ އިތުރުން ހާއްސަ ހާލަތުގައި ބަންދުގައި ހުންނަ މީހާ އާންމު އުސޫލުން ވަކީލާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވެން ނެތްނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލާއި މުއާމަލާތު ކުރެވޭނޭގޮތް ހަމަޖައްސައިދޭންޖެހޭނެ ކަމަށްވެސް ބިލުގައި ވެއެވެ.

މީގެ އިތުރުން ހާއްސަ ހާލަތްތަކުގައި ދައުވާ ކުރުމުގައި ޤާނޫނުގައި ހިނގާނެކަމަށް ބުނެފައިވާ މުއްދަތު ނުހިނގާނެ ކަަމަށާއި، ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ އިތުރުން ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ދައުވާ ކުރުމުގެ މުއްދަތުތައް ވެސް މި ހާއްސަ ހާލަތުގައި ނުގުނާނެކަމަށް މި ބިލުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން