ރައްޔިޔުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިޔުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޖިނާއީ މައްސަލަތަކުގައި ދައުވާކުރަން ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް އިތުރު ބާރުތަކެއް ދޭން ޚާއްޞަ ގާނޫނެއް ފާސްކުރަން ހިމަނާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއީ ކޯވިޑް-19 އާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މުއައްސަސާ ތަކުން ކަންތައްތައް ކުރާނެގޮތް ހިމަނައިގެން ހުށަހެޅި ރިޕޯޓެކެވެ. މި ރިޕޯޓުގައި މިފަދަ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ވަކި ބާވަތްތަކެއްގެ މައްސަލަތަކަކަށް އިސްކަން ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށައެޅުމަށް ހިމަނާފައި ވެއެވެ.

އަވަހަށް ނިންމަން ޖެހޭ މައްސަލަތައް ކަނޑައެޅުމުގައި ބަންދާ މެދު ގޮތް ނިންމުމަށް ހުށަހަޅާ މައްސަލަތަކާއި، ހުކުމަކާނުލައި ހައްޔަރުގައި ތިބޭ މީހުންގެ ބަންދުގެ މުއްދަތުގެ މައްސަލަތަކާއި، އެފަދަ މީހުންގެ ޝަރީއަތުގެ އަޑުއެހުންތަކާއި، ޓެރަރިޒަމްގެ މައްސަލަތަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި، އަވަސްނިޔާގެ މައްސަލަތަކާއި، ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ލާޒިމުކޮށްފައިވާ މައްސަލަތަކާއި، ކޯޓު އަމުރުގެ މައްސަލަތައް ހިމެނެންވާނޭ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ މުއްދަތުތައް ގާނޫނުތަކުން ކަނޑައަޅާފައިވާ މައްސަލަތަކުގައި އެމުއްދަތުތަކާ އެއްގޮތަށް ދައުވާ އުފުލުމުގެ ބޭނުންތެރިކަން ފާހަގަ ކުރާއިރު، ކާރިސާގެ ޙާލަތްތަކުގައި އެ މުއްދަތުތަކަށް އަމަލު ކުރުމަކީ މުސްތަޙީލު ކަމަކަށް ވާތީ އެކަމަށް ޚާއްޞަ ޤާނޫނެއް ފާސްކުރުމަށް ހުށައަޅާފައިވެސް ވެއެވެ.

އެހެންކަމުން "ދައުވާ އުފުއްލެވުމުގެ ފުރުސަތު އެއްކޮށް ގެއްލިިގެން ހިނގައިދާނެތީ ބޮޑެތި ހުރަސްތައް ކުރިމަތިވާ މައްސަލަތައް ކަމަށް ކަނޑައެޅޭ މައްސަލަތަކުގައި، މި ސިއްހީ ކުއްލިި ނުރައްކަލުގެ ހާލަތުގައި އެކަނި އަމަލުކުރެވޭ ގޮތަށް އިތުރު މުއްދަތެއް ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ޚާއްޞަ އިސްލާހެއް ގެނައުމަށް ނުވަތަ ސަންސެޓް ގާނޫނެއް ފާސްކުރަން" ރިޕޯޓްގައި ހުށައަޅާފައި ވެއެވެ.

މަޖިލީހުން މިފަދަ ރިޕޯޓެއް ފާސްކޮށްފައިވާއިރު، ކާރިސާތަކާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނޭ ގޮތްތައް ކަނޑައަޅައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު އިސްލާހު ކުރުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން