ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދީނަށް ގޮވާލުމުގައި ލުއި ފަސޭހަކަމުގެ އަސާސް ނަގަހައްޓަންޖެހޭ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިސްލާމް ދީނުގެ ދަޢުވަތު ދެއްވާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޢަމަލު ކުރައްވާ ގޮތުގެ ސަބަބުން އެފަދަ ޢިލްމުވެރިންނާމެދު ބައެއް ޢާއްމުންގެ މެދުގައި ވަނީ ނުރަނގަޅު ތަސައްވަރެއް އުފެދިފައެވެ. އަދި އެފަދަ ޢިލްމުވެރިންގެ ދަޢުވަތަށް ޖަދަލު ކުރާ ފަރާތްތައްވެސް އިތުރުވެފައިވާކަން ފަހަކަށް އައިސް ފާހަގަ ކުރެވެއެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ، އިސްލާމީ ދަޢުވަތު ބިނާވެފައި އޮންނަނީ ޙިކުމަތާއި ރިވެތި ވަޢުޡާއި ޢިލްމީ ޙުއްޖަތުގެ އަލީގައި ކުރެވޭ ރިވެތި މުނާޘަރާގެ މައްޗަށް ކަމަށެވެ. އަދި ދީނަށް ގޮވާލުމުގައި ލުއި ފަސޭހަކަމާއި ރަޙުމަތާއި އިޙުސާންތެރިކަމުގެ އަސާސް ނަގަހައްޓަން ޖެހޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، "އިސްލާމް ދީނަކީ ހުރިހާ ޒަމާނަކަށް ފެތޭ ޢަދުލުވެރި ދީން" ކަމަށެވެ.



އިސްލާމް ދީނަށް ދަޢުވަތު ދިނުމުގެ ވާހަކައިގެ އަޑުތައް ގަދަވެފައި މިވަނީ، މުސްލިމަކާ ދިމާއަށް ލާދީނީ ކިއުމަކީ ބޮޑު އަދަބެއް ލިބޭ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސަރުކާރު ކޯލިޝަންގެ އެމްޑީޕީއާއި އެމްއާރުއެމް ފިޔަވައި އެހެން ޕާޓީތަކާއި، ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންވެސް ވަނީ އެ އިސްލާޙާ ދެކޮޅުކަން ހާމަކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙުގައި ވަނީ، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށެއް ކަމަށެވެ.

ލާދީނީ ކިއުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުން އިސްލާހެއް ހުށައެޅުމުން ގިނަބައެއްގެ ކަންބޮޑުވުމާއި ފާޑުކިއުން އަމާޒުވުމުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން