ރަށްރަށުގައި ބާނާ ފަރު މަސް ސަރުކާރަށް ގަނެވޭނެ ގޮތެއް ކަނޑައެޅުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅުންހުރި ފަރާތްތަކުން މިހާލަތުގައި ކުރަންޖެހޭ ކަންކަން ކަނޑައަޅައި މަޖިލީހުގެ ތަޅުމަށް ފޮނުވި އެ ރިޕޯޓްގައި ދަތުރުފަތުރާއި މަސްވެރިކަމުގެ ދާއިރާއިން، އެންމެ ކުޑަމިނުން ކުރިއަށް އޮތް އަހަރެއްހާ ދުވަހަށް ބޭނުންވާ ވަރަށް، ތެޔޮ ރައްކާކުރެވޭނެކަން ޔަގީންކުރުމާއެކު ތެޔޮ ރައްކާކުރެވޭނެ މިންވަރު އިތުރުކުރުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަންވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން މަސްވެރިކަން ކުރާ ދޯނިފަހަރު އިތުރު ކުރުމުގެ ގޮތުން ސަރުކާރުން މަސްދޯނި ބަނދެ އެ ދޯނިފަހަރު ބާޒާރަށް ނެރެ، ލުއި ލޯނުގެ ގޮތުގައި މަސްވެރި ރަށްރަށަށް ނުވަތަ މަސްވެރިކަން ކުރާ ފަރާތްތަކަށް ދޯނިފަހަރު ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މަސްފިނިކޮށް ބެލެހެއްޓުމަށް ރަށްތަކުގައި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް އެކަމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރަންވެސް ވަނީ ހުށަހަޅައިފައެވެ.

އަދި މަސްވެރިކަން ކުރުމަށް އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާ ސާމާނުން ނަގާ ޑިއުޓީ ކުރިއަށް އޮތް 3 އަހަރަށް މާފުކުރުމަށް ސަރުކާރަށް ހުށަހަޅަން ވެސް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

ހަމައެއާއެކު، މަސް ކުންފުނިތަކަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް، ތެލަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް އުޅަނދުފަހަރުގެ ފަރުމާއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ރިޕޯޓުގައި ހުށަަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން