މިއަދު މަރުވި މީހާގެ ޖަނާޒާގައި ސިފައިން ހަރަކާތްތެރިވަނީ
މިއަދު މަރުވި މީހާގެ ޖަނާޒާގައި ސިފައިން ހަރަކާތްތެރިވަނީ
މިއަދު ރާއްޖޭން މަރުވި، ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހާ ވަޒީފާއަދާކުރަނީ ސިފައިންގެ ކަޅުތުއްކަލާ ކޮށީގެ ބަދިގޭގައި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މައިގަނޑު މަސައްކަތަކީ ބަދިގޭގައި ކައްކާ ކާބޯތަކެތި ޕެކުކޮށް، ޑެލިވަރީ ވެހިކަލަށް އެރުވުމެވެ. މި ތަކެއްޗަކީ ލޮކްޑައުނާއި ގުޅިގެން ކޭކޭ އިން ބޭރުގައި އެކި ޑިއުޓީ ޕޮއިންޓުތަކުގައި ތިބޭ ސިފައިން ރޯދަ ވީއްލުމަށާއި ކެއިންބުއިމަށް ފޮނުވާ ތަކެއްޗެވެ.

މި މީހާއަކީ ލޮކްޑައުނަށް ފަހު އެއްވެސް ގޮތަކަށް ކޭކޭއިން ބޭރަށް ގޮސް އުޅުނު މީހެއް ނޫން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އޭނާއާ އެކު އެތަނުގައި އިތުރު ބަންގްލަދޭޝް މީހުން ވެސް ދިރިއުޅެއެވެ. މަރުވުމާއި ހަމައަށް ވެސް އޭނާގެ ފަރާތުން ބައްޔަށް ޝައްކު ކުރެވޭ އެއްވެސް އަލާމެއް ފެނިފައެއް ނުވެ އެވެ.

އެއްވެސް އަލާމާތެއް ހުރިކަން ކުރީން ނޭނގި، އެކަހެރިވެސް ނުކޮށް ހުރި މި މީހާގެ މަރާއި ގުޅިގެން، މިއީ ބޮޑު ކްލަސްޓާއަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި އޭނާ މިދިޔަ ދިގު މުއްދަތުގައި އުޅުނީ ކޭކޭގައި ކަމުން އޭނާއާ އެތައް ބަޔަކާ ސީދާ ބައްދަލުވެފައި ވެސް ހުންނާނެ އެވެ.

ފިޓް ޖެހިގެން އުމުރުން 33 އަހަރުގެ އެމީހާ ފުރަތަމަ ގެންދިޔައީ ސިފައިންގެ ސެނަހިޔާއަށެވެ. އޭނާ ނިޔާވީ ހާލު ސީރިއަސް ވެގެން، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސް ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން ކޯވިޑް-19 އަށް ހެދި ޓެސްޓުންނެވެ. އަދި އޭނާ ޕޮޒިޓިވް ކަން އެނގިފައިވަނީ މަރުވި ފަހުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު ފައިޝަން ވިދާޅުވީ، އައިޖީއެމްއެޗަށް ގެންގޮސް ހެދި ސީޓީ ސްކޭނުން އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ލޭ އަރާފައި ހުރިކަން ފާހަގަވި ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ދިއުން ކަމަށާއި އަދި ފިޓް ޖެހުނީ ސިކުނޑިއަށް ލޭ އެޅި ޕްރެޝަރު ބޮޑުވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހި އެހެން ނަމަވެސް އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ އަދަދު 41 ޕަސެންޓަށް އަރާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދާދި ފަހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އަދި ބަލި ޖެހިފައި ތިބިކަން ނޭނގި ނަމަވެސް، ޕޮޒިޓިވް ގިނަ ބަޔަކު މުޖުތަމައު ތެރޭގައި އުޅުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން