ކޯވިޑް-19އާއި ގުޅިގެން ވިލިވަރުގައި ގާއިމު ކުރި ފެސިލިޓީ؛ މިފަދަ ބައެއް ފެސިލިޓީތައް މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި
ކޯވިޑް-19އާއި ގުޅިގެން ވިލިވަރުގައި ގާއިމު ކުރި ފެސިލިޓީ؛ މިފަދަ ބައެއް ފެސިލިޓީތައް މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި
ކޯވިޑް-19 އާއި ގުޅިގެން ހުސްވި އެޕްރީލް މަހުގެ ނިޔަލަށް 665.4 މިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމު ކުރި ކޯވިޑް-19 ގެ ޚަރަދު ތަކުގެ ހިސާބު ތަކުގައި ބުނާ ގޮތުން އެޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޯވިޑް-19 އާއި ގުޅިގެން ހިންގާ އެކި ކަންކަމަށް ކޮށްފައިވާ ޚަރަދު ތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. މި މުއްދަތުގައި ކޮށްފައިވާ ޚަރަދުގެ 91.2 އިންސައް ޚަރަދުކޮށްފައިވަނީ އެ ދެ އިދާރާއިންނެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޕީޕީއީ ފަދަ ސިއްހީ ސާމާނު ހޯދުމަށާއި ސިއްހީ އާލާތްތައް ހޯދުމަށާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.

ހުސްވި އެޕްރީލް މަހުގެ ނިޔަލަށް ކޯވިޑް-19އާއި ގުޅިގެން ހިންގާ ކަންކަމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ 665.4 މިލިއަން ރުފިޔާގެ ތެރެއިން ހެލްތު މިނިސްޓްރީން 135.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން 387.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން މި މުއްދަތުގައި ކޯވިޑް-19 އާއި ގުޅިގެން ދެން ބޮޑު ހޭދައެއް ކޮށްފައިވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑުންނެވެ. އެ ފަންޑުން 84.1 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. މީގެއިތުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 27.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިމުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ތަކެތި ގަތުމަށާއި ޚިދުމަތް ހޯދުމުގެ ދާއިރާއިން 284.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ހެލްތު މިނިސްޓްރީން ތަކެތި ގަތުމަށާއި އެކި ޚިދުމަތްތަކަށް 69.2 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދާއިރު ބައެއް އިދާރާތަކުން ބައެއް ކަހަލަ ހޭދަތައް ކުރުމާއި އަގު ބޮޑެތި ސާމާނު ގަތުމަށް އެކި ފަރާތްތަކާއި ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެ އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ބަލަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ކޯވިޑް-19 އާއި ގުޅިގެން އޭސީސީން އަމިއްލައަށް އިސް ނަގައިގެން ތިން މައްސަލައެއް ބަލަމުން ދާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން