އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފުގެ މައްޗަށް ދައުވާކުރުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީޤަށް ސާބިތުވުމާއި ގުޅިގެން މަހްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ވަނީ ޕީޖީ އޮފީހަށް ހުށައަޅާފައެވެ.

ޕީޖީ އޮފީހުން ބުނީ މަޚްލޫފްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ހުށައެޅުމާއި ގުޅިގެން މިހާރު އެމައްސަލަ ދިރާސާކުރަން ފަށާފައިވާކަމަށެވެ. އަދި ދައުވާކުރުމާމެދު ހަފްތާއެއްހާ ދުވަހުގެތެރޭގައި ގޮތެއް ނިންމާނެކަމަށް ޕީީޖީ އޮފީހުން ބުނެފައި ވެއެވެ.

މިނިސްޓަރ މަޚްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަޚްލޫފް މަސައްކަތުން އެކަހެރިކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މަހުލޫފް ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވާފައިވާކަން އެކޮމިޝަންގެ ތަހުގީގުން ސާބިތުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނަވައިގެން އޭރުގެ ސަރުކާރުން މަޖިލީހަށް ހުށައެޅި ސްޕެޝަލް އިކޮނަމިކް ޒޯނާބެހޭ ބިލު ފާސްކުރުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓު ދެއްވުމަށާއި ޕީޕީއެމްގައި ދެމިހުންނެވުމުގެ މުގާބިލުގައި ރިޝްވަތުގެ ގޮތުގައި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު މެދުވެރިވެގެން 33 ހާސް އެމެރިކާ ޑޮލަރު ނަންގަވާފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ކުރިއަށް ގެންދާ މި ތަހުގީގުގުން ހާމަވެފައިވާ ގޮތުގައި އެ ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެވަޑައިގެންފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެންއޮތްކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެ ވޯޓަށްފަހު ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި އަޙްމަދު މަޚްލޫފާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފްގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، އަޙްމަދު އަދީބު، މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙްޤީޤުން އެނގޭކަމަށްވެސް އޭސީސީން ބުނެވައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން