ރައްޔިތުންގެ މަޖިިިލިސް
ރައްޔިތުންގެ މަޖިިިލިސް
ކޯވިޑް-19 އާ ގުޅިގެން މަޖިލީހުން ފާސްކުރި ރިޕޯޓުތަކުގައިވާ މަޖިލީހުގެ މެމްބަރުންގެ ލަފާފުޅުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން މަޖިލީހާ ހިއްސާކުރި ކަންކަން މަޖިލީހުގެ ކޮމިޓީތަކަށް ފޮނުވުމަށް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މި ހުށައެޅުންތައް މަޖިލީހުގެ 11 ކޮމެޓީއަކުން ދިރާސާކޮށް ކޮމެޓީ ރިޕޯޓުތައް ތަޅުމަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އޭގެތެރެއިން ހަތަރު ކޮމެޓީއެއްގެ ރިޕޯޓު ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

އެ ރިޕޯޓުތަކުގައި ރާއްޖެއަށް ދިމާވެފައިވާ މާލީ، އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ. އެކަންކަމާއި ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކުން މައުލޫމާތު ސާފުކޮށް ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި ދައުލަތުގެ އާމްދަނީ އަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީ އަށް ވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ގޮތްތައް ހިމަނާފައިވެއެވެ.

އެ ރިޕޯޓުތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލޭނެ ކަމަށް ލަފާ ކޮށްފައިވާ މިންވަރާއި އެކަމުގެ ސަބަބުން ކުރިމަތިވާނެ އިޖުތިމާއީ މައްސަލަތަކާއި ބޯހިޔާވަހިކަން ގެއްލޭނެ މިންވަރާއި އެކަންކަން ގޮސްދާނެ މިސްރާބަކާއި ގުޅޭ ދިރާސާތައް ވެސް ހަދާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި މާލެއާ އެހެން ރަށްރަށުގައި ބަންދުވެފައި ތިބި މީހުންނާއި ވަޒީފާ ގެއްލޭ ފަރާތްތަކާއި ބޯހިޔާވަހިކަން ގެއްލޭ ފަރާތްތަކަށް އެހީވާނެ ގޮތްތައް ވެސް އެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

މި ރިޕޯޓުތައް އެކުލަވާލުމުގައި ދައުލަތުގެ މުއައްސަސާތަކާއި ވަކިވަކި ފަރުދުންގެ ތަފާތު ވަސީލަތްތައް މެދުވެރިކޮ މައުލޫމާތު ހޯދާފައިވާ ކަމަށާއި އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާއި، އަމިއްލް ވިޔަފާރިތަކާއި އަދި ވަކިވަކި ފަރުދުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

އެ ރިޕޯޓުތަކުގައި ހިމެނޭ ކޮމިޓީތަކުގެ ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކުގެ އަމާޒަށް ބަލާއިރު، އެ ރިޕޯޓުތައް ސިފަކޮށް ދެނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑު މުސީބާތުން އަރައިގަތުމަށްޓަކައި، ރައްޔިތުންގެ ވަކީލުންގެ ލަފައާއި އިރުޝާދުތައް ކަމުގައި މަޖިލީހުން ބުނެފައިވެއެވެ.

އަދި، އެ ރިޕޯޓުތަކުން ދައްކުވައި ދެނީ، ސަރުކާރުން އަމަލުކުރަންވީ ގޮތުގެ ތަސައްވަރެއް ކަމަށާއި އެ ރިޕޯޓުތަކުގެ ބޭނުމަކީ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުންފުޅަކީ، ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މިހާރު އޮތް ހާލަތާ ގުޅޭގޮތުން ސަރުކާރަށް ލަފައެއް އެރުވުން ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ. މީގެއިތުރުން މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަން ގަސްދުކުރާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހަށް ފެންނަ ގޮތެއް ސަރުކާރުގައި ދެންނެވުމެވެ.

އެގޮތުން އެ ރިޕޯޓުތަކާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުން، އެ ރިޕޯޓުތަކުގައި ހިމެނޭ ކޮމިޓީތަކުގެ ހޯދުންތަކާއި، ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކުގެ އަމާޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙަށް ފޮނުއްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން