މާލޭގަައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކެއް (ކ) - ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖޭގައި ވަނީ މިފަދަ ކްލިނިކްތައް ހުޅުވާފައި
މާލޭގަައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކެއް (ކ) - ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖޭގައި ވަނީ މިފަދަ ކްލިނިކްތައް ހުޅުވާފައި
ކޯވިޑް-19 އާ ގުޅިގެން ރަށަށް ނުދެވިފައި މާލޭގައި ތާށިވެފައި ތިބި ފަރާތްތައް ރަށަށް ފޮނުވުމުގައި ފުރަތަމަ ބަލާނީ އޭޕްރިލް 1 ގެ ފަހުން މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ އުސޫލެއް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ގެޒެޓުކޮށްފައެވެ. ނަމަވެސް އެ އުސޫލު މިހާރު ވަނީ ގެޒެޓުން ނަގައިފައެވެ.

ފަހުން ޖެންޑާ މިނިސްޓްރީން ވެސް މިވަނީ މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނައުމާ ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް ތިބި ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބެއް އާންމުކޮށްފައެވެ.

މި އުސޫލާއެކު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ލޮކްޑައުންއާ ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވިފައި ތިބި މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައި އެމީހުންނަށް ރަށަށް ފުރޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

އެގޮތުން އެކަމަށްޓަކައި ލޮކްޑައުން ކޮމިޓީއެއް އުފައްދައި، އެފަދަ މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ ގޮތްތަކުގެ އެސްއޯޕީ އެއް ކަނޑައަޅާފައިވާނެ ކަމަށާއި އެ އެސްއޯޕީގެ ތިން ވަނަ ނުކުތާގައި އެފަދަ މީހުން ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބެއް ކަނޑައަޅާފައިވާ ކަމަށް ޖެނޑަރ އިން ބުނެފައި ވެއެވެ.

ނަމަވެސް އެ ތަރުތީބުގެ ދަށުން ރަށަށް ފޮނުވުމުގައި އެންމެ ފުރަތަމަ ބެލެވޭނީ މިދިޔަ އެޕްރީލް މަހުގެ އެކެއް ނުވަތަ އޭގެ ފަހުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެތި ތިބި މީހުންނަށް ކަމުގައި ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ރަށަށް ފޮނުވުމުގައި އިސްކަންދޭ ތަރުތީބު ގެ ފުރަތަމަ ބައިގައި 5 ނުކުތާ ހިމެނޭ އިރު އޭގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނެނީ ބޭސްފަރުވާގެ އެކިއެކި ކަންކަމާ ގުޅިގެން މާލެ އައިސް ރަށަށް ނުދެވި ތިބި ފަރާތްތަކަށް އިސްކަން ދިނުމަށެވެ.

އެ އުސޫލްގެ ދެވަނަ ނުކުތާގައި ހިމަނާފައިވަނީ ރަށަށް އެނބުރި ދިއުމަށްޓަކައި މިދިޔަ މަހުގެ 15 އާއި މިދިޔަ މަހުގެ 20 އާއި ދެމެދުގެ ތާރީޚުތަކުގައި ޓިކެޓު ނަގާފައިވާ ފަރާތްތަކާއި، ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކާއި، ވަޒީފާ އަދާކުރަމުން އަންނަ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތަކެވެ.

އިސްކަންދޭ ތަރުތީބުގެ 3 ވަނަ ނަންބަރުގައި 7 ނުކުތާ ހިމެނޭ އިރު އޭގެ ތެރޭގައި؛ ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި، މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލުމުގެ ސަބަބުން ނުވަތަ ޢާމްދަނީ ލިބޭނެ މަގު ބަންދު ވުމުގެ ސަބަބުން ދިރިއުޅުން ރަށަށް ބަދަލު ކުރުމަށް އެދޭ ފަރާތްތަކާއި، އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތައް ހިމެނިފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ވަނީ، މިހާތަނަށް ޙާލުގައިޖެހިގެން ރިޕޯޓްކޮށްފައިނުވާ ފަރާތްތަކުން 1421 އަށް ނުވަތަ އެރަށެއްގެ ކައުންސިލަށް ރިޕޯޓްކުރުމަށް އެދިފައެވެ.

ނަމަވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކުރާ މީހުންގެ ތަރުތީބު ކަނޑައަޅާނީ އެ މިނިސްޓްރީން ކަމަށާއި އަދި ކައުންސިލްތަކަށް ރިޕޯޓް ކުރާ މީހުންގެ ތެރެއިން ތަރުތީބުކޮށް ރަށަށް ފޮނުވާނެ މީހުންގެ ލިސްޓު ކަނޑައަޅާނީ އެރަށެއްގެ ކައުންސިލާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ، ރަށްރަށަށް ދިއުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިސްކަންދޭ މީހުން ސަރުކާރުން އަންގާގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި ކަރަންޓީން ކުރުމަށް ކަނޑައެޅިފައިވަނީ ސަރުކާރުން އެކަމަށް ހަމަޖައްސާފައި ހުންނަ ފެސިލިޓީތަކުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން