އިންޑިއާ ދެފަތުރުވެރިޔަކު ރާއްޖޭގެ ރިޒޯޓެއްގައި ޗުއްޓީހޭދަކުރުމުގައި -- ފޮޓޯ: ރަސްއޮންލައިން
އިންޑިއާ ދެފަތުރުވެރިޔަކު ރާއްޖޭގެ ރިޒޯޓެއްގައި ޗުއްޓީހޭދަކުރުމުގައި -- ފޮޓޯ: ރަސްއޮންލައިން
ރާއްޖޭގައި ކޮވިޑު-19ގެ ކޭސްތައް އިތުރުވެ ރަށްރަށަށް ފެތުރިގެންދިޔައީ އިންޑިއާ އަދި ޕާކިސްތާންގެ ފަތުރުވެރިންގެ ސަބަބުން ކަމަށް ބުނެވޭނެ ޖާގައެއްނެތް ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގެމް) ގެ ރައީސް އަބްދު ﷲ ނަޝީދު (ކާނި އަބްދު ﷲ) މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެފުޅާދާއިރާގައި ގެސްޓް ހައުސްގެ ވިޔަފާރިކުރަމުންގެންދާ ކާނި ހޮޓެލްސްގެ ވެރިޔާ ކާނިއަބްދު ﷲ މިހެން ވިދާޅުވީ މިދުވަސްވަރަކީ ސައުތު އޭޝީޔާގެ ގައުމުތަކުގެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ ދުވަސްވަރަކަށްވާއިރު، ކޯވިޑާއި ގުޅިގެން އެސަރަހައްދުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އިންޑިޔާއާއި ޕާކިސްތާނުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުމުގެ ސަބަބުން ރާއްޖޭގައި ހިންގާ ގެސްޓްގައުސްތަކާއި އަދި ރިސޯޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މައްސަލައިގައި "ރަސްއޮންލައިން

ގެ ފަރާތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވެ ރަށްތަކަށް ފެތުރިގެންދިޔައީ ކައުންސިލް އިންތިޚާބުގެ ވޯޓުލުމަށް އެއްރަށުން އަނެއްރަށަށް މީހުން ދަތުރުކުރުމުގެ ސަބަބުން ކަމަށެވެ. ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވާން ދިމާވި މައިގަނޑު އެއް ސަބަބަކީ އެއީކަން ސަރުކާރުން ވެސް ވަނީ ގަބޫލުކޮށްފައެވެ.



ރާއްޖޭގެ އެކި ރަށްރަށުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ރާއްޖޭގެ ބޯޑަރުތައް އިންޑިއާ ފަތުރުވެރިންނަށް ބަންދުކޮށްފައިވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އޭގެ ހަފުތާއެއް ފަހުން ޕާކިސްތާން ފަތުރުވެރިންނަށްވެސް ރާއްޖޭއަށް ނާދެވޭގޮތަށް ވަނީ ހަދާފައެވެ.

އަބްދު ﷲ ވިދާޅުވީ ރާއްޖޭގެ ކޮވިޑު-19ގެ ކޭސްތައް އިތުރުވެގެން ދިޔައީ އިންޑިޔާގެ ފަތުރުވެރިންގެ ސަބަބުން ކަމަށް ބަޔަކު ގަބޫލުކުރިނަމަވެސް އޭނާއަށް އެކަން ގަބޫލު ނުކުރެވޭ ކަމަށާއި ކޮވިޑްކޭސްތައް އިތުރުވެ ރަށްރަށަށް ފެތުރެން ދިމާވި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އަދި ގަބޫލުކުރެވެނީ ރާއްޖޭގައި ބޭއްވި ކައުންސިލް އިންތިޚާބަށް އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ރާއްޖޭގެ ކޭސްތަށް އިތުރުވެގެން ދިޔައީ އިންޑިޔާ އަދި ޕާކިސްތާން ފަތުރުވެރިން އައުމުގެ ސަބަބަކުން ނޫން. ރަށްރަށަށް ފެތުރިގެން ދިޔައީ އެއްރަށުން އަނެއް ރަށަށް މީހުންތައް ދަތުރުކުރުމުން. އެކަން ސާބިތުވާ ހެކިތަށް އެބަ ހުރި." ގެމްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އަންނަނީ ޕީސީއާރު ޓެސްޓުހައްދައިގެން ކަމަށެވެ. ނަމަވެސް އެއާހިލާފަށް، ބޭސްފަރުވާއަށް އިންޑިއާއަށް ނުވަތަ ޑުބާއީއަށް ދާ ދިވެހިން ޕީސީއާރ ޓެސްޓެެއް ނުހަދައި އައިސް ރަށްރަށަށް ދިއުމުން ބަލި ފެތުރުމުގެ ފުރުޞަތު މާބޮޑުވާނެކަމަށެވެ. އެހެންކަމުން ކޮވިޑް ފެތުރުނީ އިންޑިއާ ފަތުރުވެރިންގެ ސަބަބުން ކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް އަބްދު ﷲ ވިދާޅުވިއެވެ.

އަބްދު ﷲ ވިދާޅުވީ އެޕްރިލް 20 ވަނަ ދުވަހު މާފުށިން ފުރަތަމަ ޕޮޒިޓިވް ވީވެސް އެޕްރީލް 10 ވަނަ ދުވަހު ވޯޓްލާން މާލެ އިން އެރަށަށްއައި މީހުން ތިބި 2 ގެއެއްގެ މީހުން ކަމަށާއި އަދި ހަމަ އެދުވަސްވަރު ރާއްޖޭގެ ގެސްޓްހައުސް ނެތް ރަށްރަށުންވެސް ޕޮޒިޓިވް ކޭސްތައް ފެންނަން ފެށިކަމަށެވެ. އަދި ހަމަ އެދުވަސްވަރު އެތައްބައިވަރު އިންޑިއާ ފަތުރުވެރިން އައިއިރުވެސް ޕޮޒިޓިވް ވެފައި ހުރީ އެހެން ގައުމުތަކުގެ ފަތުރުވެރިން ވެސް ޕޮޒިޓިވްވާ ރޭޓުގައި ހާލަކުން މީހަކު ކަމަށް އަބްދު ﷲ ވިދާޅުވިއެވެ.

ކާނި އަބްދު ﷲ ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމުގައި ވާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 25 އިންސައްތަ ހިއްސާކުރަމުން އައީ ސައުތު އޭޟިއާ ފަތުރުވެރިން ކަމަށެވެ.

ގެމްގެ ރައީސް ވިދާޅުވީ އެޗްޕީއަޭއިން ކަނޑަ އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބޯ ނުލަބާ ނަމަ ކޭސްތަށް އިތުރުވުމުގެ ޖާގަ ހުރިހާ ރަށަކަށް ވެސް އެބަ އޮތްކަމަށާއި ރާއްޖެއަށް ކޮވިޑް ފެތުރިގެން ދިޔައީ އިންޑިޔާ ނޫނީ ޕާކިސްތާން ފަތުވެރުންގެ ސަބަބުން ކަމަށް ނިންމުމުގެ ޖާގައެއް ނެތްކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު މިދެގައުމަށް ބަންދުވެފައި އޮތުމުގެސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް ދަށްވެ ގެސްޓް ހައުސް ތަކާއި ރިސޯޓް ތަކަށް ލިބެމުންދަނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން