އަބްދުﷲ ޝަރީފް
އަބްދުﷲ ޝަރީފް
އޭޕްރީލް މަހުގެ ނިޔަލަށް 12 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކަސްޓަމްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިމްޕޯޓަށާއި އެކްސްޕޯޓަށް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 12 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިމްޕޯޓް އިތުރުވި ނަމަވެސް ރާއްޖެއަށް އެތެރެކުރާ މުދާ ދަށްވެފައިވާ ކަމަށެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އިމްޕޯޓް ޑިއުޓީ ފާއިތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. ނަމަވެސް ބައެއް ބާވަތްތައް އިމްޕޯޓްކުރާ މިންވަރު އިތުރު ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާރުގެ ހާލަތުގައި އެންމެ ބޮޑަށް ބޭނުންވާ މުދަލަކީ ކާޑުގެ ބާވަތްތައް ކަމުން ކާޑުގެ ބާވަތްތަކުގެ އިމްޕޯޓް 45 ޕަސެންޓަށް އިތުރުވެ ޕެޓްރޯލާއި ޑީސަލް އިމްޕޯޓުކުރި މިންވަރު ހަ ޕަސެންޓް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4.7 މިލިއަން ފޭސް މާސްކު އެތެރެ ކޮށްފައިވާ ކަމަށެވެ. އަދި 240 މެޓްރިކް ޓަނުގެ ޑިސްއިންފެކް ކުރާ ސާމާނާއި އޭގެ ބާވަތްތަކުގެ އިތުރުން 59 ޓަނުގެ އަތް ދޮންނަ ސާމާނާއި އޭގެ ބާވަތްތައް ރާއްޖެ އެތެރެ ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން