ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާ ބިލްޑިންގް
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާ ބިލްޑިންގް
ދަޢުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރިންނަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށާއި، މާލިއްޔަތާއި ގުޅޭ އެހެނިހެން ކަންކަމަށް އަހުލުވެރި ފަރާތެއްތޯ ކަށަވަރުކުރުމަށް އިމްތިހާނެއް ހަދަންޖެހޭގޮތަށް މާލީ ވުޒާރާއިން ލާޒިމްކޮށްފިި އެވެ.

މާލީ ވުޒާރާއިން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ ފަރާތްތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، އެ ގަވައިދުގެ ދަށުން ހެދޭ އުސޫލުތައް އަދި މާލީކަންކަން ކުރިއަށް ގެންދެވޭ ގޮތްތައް އެނގި އޮޅުންފިލާފައިވާ ފަރާތްތަކަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ދަޢުލަތުގެ އޮފީސްތަކުން މާލީ ޒިންމާދާރު ވެރިން އަންޔަންކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރަންޖެހޭނެ ކަމަށް ސަރކިއުލާގައިވަނީ އަންގަވާފައެވެ. ފިނޭންްސް މިނިސްޓްރީން ބުނީ ދައުލަތުގެ އިދާރާތަކުގައި ތިއްބެވި މާލީ ޒިންމާދާރު ވެރިންނަށް މި އިމްތިހާނުތައް ފުރިހަމަކުރެވޭނެގޮތް ހެދުމަށް މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިކަމާގުޅޭ މަޢުލޫމާތު އޮފީސްތަކާ ހިއްސާކުރަމުންގެންދެވޭނެކަމަށެވެ.

މީގެ އިތުރުން މިހާރު މާލީ ޒިންމާދާރުވެރިންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން މި އިމްތިހާނު 22 އޮގަސްޓު 2021 ގެ ކުރިން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވާކަން އޮފީސްތަކުން ކަށަވަރު ކުރެއްވުމަށް މިނިސްޓަރީން ވަނީ އަންގަވާފައެވެ.

ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 2.06 ވަނަ މާއްދާގެ ދަށުން މާލީ ކަންކަމާއި ބެހޭ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ތެރެއިން މި އިމްތިހާނު ފުރިހަމަކުރަންޖެހޭ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތައް 01 އޮކްޓޫބަރު 2021 ގެ ކުރިންއިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސުމަށް އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ.

ދަޢުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތަކީ އިދާރީ މަސައްކަތަކަށް ވުމާއެކު މީގެ ފަހުން އެ މަޤާމަށް ސިޔާސީ ފަރާތްތައް އައްޔަނު ނުކުރުމަށް ނިންމާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން