މިޑްޓަރމް އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު، މިޝިގަންގެ ޑިޓްރޮއިޓްގައި ބޭއްވި އިޙްތިފާލުގައި ޑިމޮކްރެޓިކް ސެނެޓަރ ޢަބްދުލް އަލް-ސައްޔިދު އޭނާގެ އަނބިކަނބަލުން ޑރ. ސާރާ ޖުކާކޫއާ އެކު
މިޑްޓަރމް އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު، މިޝިގަންގެ ޑިޓްރޮއިޓްގައި ބޭއްވި އިޙްތިފާލުގައި ޑިމޮކްރެޓިކް ސެނެޓަރ ޢަބްދުލް އަލް-ސައްޔިދު އޭނާގެ އަނބިކަނބަލުން ޑރ. ސާރާ ޖުކާކޫއާ އެކު
މިހާރު ކުރިއަށްދާ އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި، އެ ޤައުމުގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޢަބްދުއްރަހްމާން މުހައްމަދު އަލް-ސައްޔިދު ހޯއްދަވައި، ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ.

މިޞްރުގެ ދަރިފަސްކޮޅަކަށް ނިސްބަތްވެވަޑައިގަންނަވާ ޢުމުރުން 42 އަހަރުގެ ޑޮކްޓަރ އަދި ޢާންމު ޞިއްޙަތާ ބެހޭ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ އަލް-ސައްޔިދު، މި ތާރީޚީ ކާމިޔާބީ ހޯއްދެވީ މިޝިގަން ސްޓޭޓްގެ ގޮނޑިއަށް، ރިޕަބްލިކަން ޕާޓީގެ މައިކް ރޮޖަރސްއާ ވާދަކުރައްވައެވެ. މި ގޮނޑިއަކީ ކުރިން ޑިމޮކްރެޓިކް ސެނެޓަރ ގެރީ ޕީޓަރސް ފުރުއްވަމުން ގެންދެވި ގޮނޑިއެކެވެ.

އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު އަލް-ސައްޔިދަށް ވަނީ އިދިކޮޅު ފަރާތްތަކާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޮޑެތި ފާޑުކިޔުންތަކާއި ޙަމަލާތަކެއް އަމާޒުވެފައެވެ. އެގޮތުން އޭނާއަކީ ކޮމިއުނިސްޓެއް ކަމަށް ސިފަކުރުމުގެ އިތުރުން، އޭނާގެ އިސްލާމީ ޢަޤީދާއަށާއި، ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް އޭނާ ގެންގުޅުއްވި ހަރުދަނާ ސިޔާސަތަށް ރޮޖަރސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި އެއްވެސް އަސާސެއް ނެތް ގޮތުގައި ޓެރަރިޒަމާ ގުޅުވައި ވާހަކަދެއްކި ނަމަވެސް، އަލް-ސައްޔިދު ވަނީ އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކުރައްވައި ކުރި ހޯއްދަވާފައެވެ. އަލް-ސައްޔިދުގެ ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ބާރުއެޅުއްވީ އެންމެންނަށް ހިލޭ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށާއި، ބިލިއަނަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ އިތުރުން، އިސްރާއީލަށް އެމެރިކާއިން ދޭ އެހީތައް ހުއްޓާލުމަށެވެ. މިއީ ޢަރަބި އަދި މުސްލިމް އާބާދީ ބޮޑު މިޝިގަން ސްޓޭޓްގައި އޭނާއަށް ބޮޑު ތާއީދެއް ލިބިގެންދިޔަ މުހިންމު ސަބަބެކެވެ.

ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އެއްވުމުގައި ސަޕޯޓަރުންނާ މުޚާޠަބުކުރައްވަމުން އަލް-ސައްޔިދު ވިދާޅުވީ، ކާމިޔާބުވާނެ ކަމަށް އެންމެ ކުޑަކޮށް އުއްމީދުކުރެވުނު ކެންޑިޑޭޓަށް އިތުބާރުކޮށް، ފުރުޞަތު ދެއްވި ކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއީ އެމެރިކާގެ ތާރީޚުގައި ވެސް ފެނުނު އެންމެ ހަޑިމުޑުދާރު އެއް ކެމްޕޭނާ ކުރިމަތިލުމަށްފަހު ހޯދުނު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.



މި އިންތިޚާބަކީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެގޮތުން ޤާނޫނުހަދާ މަޖިލީހުގެ ދަށު ގެ (ހައުސް) ގެ 228 ގޮނޑި އަދި މަތީ ގެ (ސެނެޓް) ގެ 54 ގޮނޑި ކާމިޔާބުކޮށް، ދެ މަޖިލީހުގެ ވެސް އަޣުލަބިއްޔަތު ޑިމޮކްރެޓުން ވަނީ ހޯދާފައެވެ. މީގެ އިތުރުން، ޓެކްސަސް އާއި ކެންސަސް ފަދަ ޒަމާނުއްސުރެ ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުގެ ގޮނޑިތައް ވެސް ވަނީ ޑިމޮކްރެޓުން ކާމިޔާބުކޮށްފައެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ވާހަކަދައްކަވަމުން ރިޕަބްލިކަން ޕާޓީގެ ލީޑަރު އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނަތީޖާ ޤަބޫލުކުރައްވާ ކަމަށާއި، ޑިމޮކްރެޓުންނާ އެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ މި ނަތީޖާއަށް މަރުޙަބާ ވިދާޅުވެ، މިއީ އެމެރިކާގެ ރައްޔިތުން ބައިބައިވުންތަކަށް ނޫނެކޭ ބުނެ، އެއްބައިވަންތަކަމާއި ޙަޤީޤީ ޙައްލުތަކަށް ތާއީދުކުރިކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު