މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު
މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު
ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 1.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިގެން ދަރަންޏަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާން ކޮށްފިއެވެ.

ޓީބިލަކީ އިންޓްރެސްޓާއެކު ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ދަރަންޏެކެވެ. އާންމު އުސޫލުން ޓީބިލް އަނބުރާ ދައްކަން ޖެހޭ މުއްދަތު ދިގުވި ވަރަކަށް، އޭގެ އިންޓްރެސްޓް ރޭޓް ވެސް ބޮޑުވެއެވެ. މި ޓީބިލްތައް އާންމުކޮށް ގަންނަނީ ރާއްޖޭގެ ބޭންކުތަކާއި، ޕެންޝަން އޮފީހާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުންނެވެ.

މާލީ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ފަހަރު ޖުމްލަ ހަތަރު ޓީބިލެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

265 މިލިއަން ރުފިޔާގެ ޓީބިލް: މިއީ އެންމެ ކުރު މުއްދަތުގެ ޓީބިލެވެ. 3.5 ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގައި ވިއްކާ މި ޓީބިލް އަނބުރާ ދައްކަން ޖެހެނީ 28 ދުވަހުގެ ތެރޭގައެވެ.

55 މިލިއަން ރުފިޔާގެ ޓީބިލް: 3.87 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ މި ޓީބިލް އަނބުރާ ދައްކަން އޮތީ 98 ދުވަހުންނެވެ.

255 މިލިއަން ރުފިޔާގެ ޓީބިލް: 4.23 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ މި ޓީބިލް އަނބުރާ ދެއްކުމަށް 182 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

535 މިލިއަން ރުފިޔާގެ ޓީބިލް: މިއީ މި ފަހަރު ވިއްކާ އެންމެ ބޮޑު ޓީބިލެވެ. 4.6 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ މި ޓީބިލް އަނބުރާ ދައްކަން ޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

މާޅީ ވުޒާރާއިން ބުނީ ޓީބިލް ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު 3349200 ނަންބަރު ފޯނާ ގުޅުމުން ލިބޭނެ ކަމަށެވެ.

ޓީބިލް ވިއްކުމަށް ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، މިދިޔަ މަހުގެ 23ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 24.1 ބިލިއަން ރުފިޔާއެވެ. ނަމަވެސް، ހަމަ އެ މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ވަނީ 25.5 ބިލިއަން ރުފިޔާއަށް އަރައިފައެވެ.



ކިޔުންތެރިންގެ ހިޔާލު