ހޯރަފުށި އެއަރޕޯރޓް މަސައްކަތް ކުރިއަށްދަނީ
ހޯރަފުށި އެއަރޕޯރޓް މަސައްކަތް ކުރިއަށްދަނީ
ހއ. ހޯރަފުށީގައި އެމްޓީސީސީން ތަރައްގީކުރަމުން އަންނަ އެއާޕޯޓްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު އެވެ. 17 މަސް ދުވަހުން ނިންމާ ގޮތަށް ހަވާލުކުރި އެ ޕްރޮޖެކްޓް އެމްޓީސީސީ ފަށާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ.

އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހަށް މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިވަގުތު ކުރިއަށް ދަނީ އަސްފާލްޓް ޕްލާންޓެއް ހަރުކުރުމުގެ މަސައްކަތް ކަމަށާއި ޕްލާންޓް ޓެސްޓް ކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެ އެވެ.

އެއަރޕޯޓަށް ބޭނުންވާ 842200.33 ކިއުބިކް މީޓަރު ކޮނެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވިފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓްގެ ނިޔަލަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް 1120 މީޓަރުގެ ރިވެޓްމަންޓް ޖަހައި ނިންމާލެވިފައި ވަނީ މިއަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހު އެވެ.

މި އެއަރޕޯޓްގައި 1200 މީޓަރުގެ ރަންވޭއެއް އެޅުމަށް ހަމަޖެހިފައިވާއިރު، 9،473 އަކަ މީޓަރުގެ ޕާކިންގް އޭރިއާއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 720 މީޓަރުގެ އެއާޕޯޓު ސެކިއުރިޓީ އޭރިއާ އާއި ބޭޗް ފެންސް އޭރިއާއެއް ޤާއިމްކުރާނެއެވެ.

ޖުމްލަ 198 މިިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވާ ތާރީހުގެ ކުރިން ނިންމުމަށް އެމްޓީސީސީން އަމާޒު ހިފާފައި ހުރިއިރު އެއާޕޯޓްގެ މަސައްކަތް ނިމުމުގެ ކުރިން ގަސް އިންދަައި އެ ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން