ދުވަހަކުވެސް ވަކިނުވާން ކަމަށްބުނެ އަތުގައި ބިޑި އަޅުވައިގެން، އަމިއްލައަށް ބަނދެވިގެން އުޅުނު ޔުކްރެއިންގެ ދެލޯބިވެރިން ވަކިވެއްޖެއެވެ.

އެލެގްޒެންޑަރ އާއި ވިކްޓޯރިއާ ނަމަކަށްކިޔުނު މި ދެލޯބިވެރިން ޗޭނުގަނޑެއްގެ އެހީގައި ދެމީހުން އަތުގައި ބިޑިއަޅުވައިގެން ދެމީހުން ގުޅުނީ ތަހުލީލެއް ހެދުމަށްކަމަށް ބުނެފައިވެއެވެ. އެމީހުން ކުރަމުންދިޔަ ދިރާސާގެ މައިގަނޑު މަގްސަދަކަށްވީ ދިރިއުޅުމުގައި ދެމީހުންގެ މެދުގައި މައްސަލަ ޖެހުން އިތުރުވުމާއިއެކު އެކަން ހައްލުކޮށް އެކުގައި މައްސަލަ ނުޖެހި އުޅެވޭނެ ގޮތެއް ހޯދުމަށެވެ.



123 ދުވަސް ވަންދެން ދެއަތް ބިޑިއަޅުވައި ގުޅާލައިގެން އުޅުނު މިދެމީހުން އެއްވެސް ކަމެއް ކުރާކަށް ވަތްކެއް ނުވެއެވެ. މިގޮތުން ފާހާނާ ކުރުމާއި، ވަޒީފާ އަދާ ކުރުމުގެ އިތުރުން ބޭރުތެރޭގައިވެސް އުޅުނީ ޗޭނުގަނޑުން ދެމީހުންގެ އަތް ބަނދެގެންނެވެ.

މީގެސަބަބުން ވިކްޓޯރިއާ އަދާ ކުރަމުން އައި ވަޒީފާވެސް ގެއްލުނު ކަމަށްވެއެވެ. ސެލޫނެއްގައި ބިއުޓީޝަނެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ވިކްޓޯރިއާ އަދާކުރަމުން ދިޔަ ވަޒީފާ ގެއްލުނީ، ޗޭނުގަނޑުން އަތްބަނދެވިފައިހުރި އޭނާގެ ލޯބިވެރިޔާ އަބަދު ގާތުގައި ހުރުމުން ކްލައިންޓުންގެ ހިތްހަމަ ނުޖެހުން އިތުރުވުމުންނެވެ.



މިދެމީހުން ކުރަމުންއައި ދިރާސާއަށް އެއްވެސް ހައްލެއް ނުލިބުމުން އެންމެ ފަހުން މިވަނީ އަތުގައި ބަނދެފައި އޮތް ޗޭނުގަނޑު ކަނޑާލައިފައެވެ. މިޗޭނުގަނޑު ކަނޑާލީ އެ ދެމީހުންގެ ލޯބީގެ ގުޅުންވެސް ނިމުމަކަށް އައުމާއެކުއެވެ.

މިއާއެކު މިނިވަންކަމުގެ އުފާވެރިކަން އިހުސާސް ކުރެވުނު ކަމަށް ވިކްޓޯރިއާ ހާމަކޮށްފައި ވެއެވެ. އަދި ކޮންމެ ކަހަލަ ގުޅުމެއްގައިވެސް އަމިއްލަ ނަފްސަށް ލިބެންޖެހޭ މިނިވަންކަމުގެ ހިނދުކޮޅު ނުލިބޭ ކަމަށް ވަންޏާ އެގުޅުމެއް މަސައްކަތް ނުކުރާނެކަން އެމީހުން ކުރި ދިރާސާއިން ޔަގީންވެގެން ދިޔަ ކަމަށް ވިކްޓޯރިއާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން