އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު
އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު
ފަނަރަ ސަތޭކައަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލި، މުސާރަ ކުޑަކޮށް، ފަތުރުވެތިކަމުގެ ސިނާޢަތް ބަނގުރޫޓުވާ ހާލަތަށް ދިޔައިރު އެ ސިނާޢަތުގެ ބައިވެރިންނާގުޅިގެން މައްސަލަތައް ހައްލުކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ފާޑުކިޔައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިތައް ތަމްސީލްކުރާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ، މަޓީން މިއަދު ނެރެފައިވާ ބަޔާނަކާ ގުޅުވައިގެން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މާވަށުދާއިރާގެ މެންބަރު މުހަންމަދު ސަޢީދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސް ފަރާތްތަކުން ތަކުރާރުކޮށް ސަރުކާރާއެކު މަޝްވަރާ ކުރުމަށް އެދެމުންދިޔައިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްބައިވެރިންގެ އެދުމަށް ސަރުކާރުން އިޖާބަދީފައި ނުވުމަކީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ވަޒީފާ އަދާކުރާ 15000 އަށްވުރެގިނަ ދިވެހިންގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި، އެތައް ބައެއްގެ މުސާރަ ކުޑަކުރަންޖެހި އަދި ސިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިތައް ބަނގުރޫޓްވާ ޙާލަތަށް ދިޔައިރު ސަރުކާރުން އެ ސިނާޢަތުގެ އިސްފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިނުމަށް ނުކުޅެދިފައި ވަނީ ކީއްވެތޯ ވިދާޅުވެ ސަޢީދު ވަނީ ސުވާލު އުފައްދަވާފައެވެ.

މިއަދު މަޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކުރި އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތު ކަމަށެވެ. މި ރޯގާބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން 100 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ވޯލްޑް ޓުއަރިޒަމް ކައުންސިލުން އަންދާޒާ ކޮށްފައިވާކަން މަޓީން ފާހަގަކޮށްފައި ވެއެވެ. އަދި މި ހާލަތުން އަރައިގަތުން ބިނާވާނީ ޞިއްހީ ދާއިރާއިން ހޯދޭ ކުރިއެރުންތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރަށް ކަމުގައި ވެސް މިބަޔާނުގައި ވެއެވެ.

"ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ބިނާވެފައިވާ އިޤްތިޞާދެއް އޮތް ގައުމެއް. ގައުމުގެ ޖީޑީޕީގެ 70 އިންސައްތަ އާމްދަނީ ވަންނަނީ ފަތުރުވެރިކަމުން." މީރާއަށް މައިގަނޑު ގޮތެއްގައި ޓެކްސްގެ ގޮތުގައި ވަންނަ ފައިސާއަކީ ފަތުރުވެރިކަމުގެ ވިޔާފާރިން ލިބޭ ފައިސާކަން ބަޔާން ކުރަމުން މަޓީން ބުނެފައި ވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޓްރަވަލް އިންޑަސްޓްރީއަށް އަމާޒުކޮށް ސަރުކާރުން މިހާރު ތައާރަފްކޮށްފައިވާ، "ރިލީފް ޕެކޭޖް" ކަނޑައެޅުމުގައިވެސް މަޓީއާއި މަޝްވަރާކޮށްފައި ނުވާކަމަށް މަޓީގެ ބަޔާނުގައި ވެއެވެ.

ކޯވިޑް-19 ގެ ރޯގާބަލިމަޑު ކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ލޮޅުންތަކާއި ކުރިއަށް ލަފާކުރެވޭ ލަފާކުރުންތައް ސަމާލުކަމަށް ގެނައުމަށް ޖަނަވަރީ މަހުގެ ތެރޭގައި އެޖަމިއްޔާއިން މަސައްކަތް ކުރަން ފަށާފައިވާ ކަމަށް މަޓީން ބުނެފައި ވެއެވެ. އެމަސައްކަތް އެގޮތަށް ކުރީ އަވަސް ފިޔަވަޅު ތަކެއް ނާޅައިފިނަމަ ކުރިމަތިވާނެ ގެއްލުންތަކުގެ ބޮޑުކަން އިހުސާސް ކުރެވޭތީ ކަމުގައިވެސް މަޓީގެ ބަޔާނުގައި ވެއެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކަށްވީ ބަނގްރޫޓްވިޔަ ނުދިނުން، ވަޒީފާތައް ދެމެހެއްޓުން، އަލުން ވިޔަފާރި ހިނގައިގަތުމަށްޓަކާ ބޭނުންވާ ފައިސާ ހޯދުން. އަޅުގަނޑުމެން ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައިވާނެ އެކަށޭނަ ވަގުތުގައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް." މަޓީގެ ބަޔާނުގައި ވެއެވެ. މަޓީން މިހުށައެޅުންތައް އެކިއެކި ފޯރަމްތަކުގައާއި މީޓިންގ ތަކުގައާއި އަދި ލިއުމުންވެސް ވާނީ ހުށައަޅާފައި ކަމަށް ބުނެފައި ވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތާއިމެދު ސަރުކާރުން އަމަލުކޮށްފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހުންފާޅުކޮށް މަޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ލިބޭނެ ގެއްލުންތަކާއި ކުރިއަށް ކުރާ އަންދާޒާތައް ވެސް ސަރުކާރުން ހަދާފައިވަނީ ހަގީގަތުގެ މައްޗަށް ބުރަވެ ނޫން ކަމަށެވެ.

މިހާލަތުން އަރައިގަތުމާއެކު ކުރިއަށް ކުރާ އަންދާޒާތަކާއެކު ފަތުރުވެރިކަމުގެ ވިޔަފާރި އަލުން ހުޅުވާލުން ބިނާވެފައި އޮންނަންވާނީ ކަމާބެހޭ ޞިއްޙީ މާހިރުންނާއި ޑޮކްޓަރުންގެ ލަފާގެ މަތީން އެމީހުން ދޭ ޔަގީންކަމެއްގެ މައްޗަށް ކަމުގައި މަޓީން ބުނެފައިވެއެވެ.

މަޓީން ބުނީ ސަރުކާރުން ޓުއަރިޒަމް އިންޑަސްޓްރީއަށް ހާއްސަކޮށް ކަނޑައެޅި ރިލީފް ޕެކޭޖް އިޢުލާންކުރުން ލަސްކުރުމާއި ކަނޑައަޅާފައިވާ ޝަރުތު ތަކުގެ ސަބަބުން އެ ސިނާޢަތުގެ ގިނަ ވިޔަފާރިވެރިން އެ ޕެކޭޖުން މަހްރޫމް ވެފައިވާ ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތައް ބަނގްރޫޓް ވިޔަ ނުދީ ސަލާމަތް ކުރުމަށާއި ވަޒީފާތައް ދެމެހެއްޓުމަށާއި މާލީ އެހީތެރިކަމާ ބެހޭގޮތުން މައުނަވީ ގޮތެއްކައި ސިނާޢަތުގެ ބައިވެރިންނާއެކު މަޝްވަރާތައް ފެށުމަށް މަޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން