ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން މިއަދު ބޭއްވި ނޫސްކޮންފަރެންސް
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން މިއަދު ބޭއްވި ނޫސްކޮންފަރެންސް
ދައުލަތުގެ އިދާރާތަކުން ބަަލައިގަންނަ ފައިސާ، މޯބައިލް ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން ގާއިމްކޮށްފައިވާ "ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ، ސަރުކާރުގެ 6 އޮފީހަކުންނާއި އެހެނިހެން ގޮތްގޮތުން ބަލައިގަންނަ ފައިސާ މި ސިސްޓަމް މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމް ވާނީ ހަމަޖައްސާފައި ކަމަށެވެ. އަދި ހާއްސަކޮށް ކޯވިޑް-19 އާ ގުޅިގެން ސަރުކާރަށް އެކިއެކި ފަރާތްތަކުން ދޭ އެހީގެ ފައިސާވެސް މި ޕޯޓަލް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު ކޯވިޑް-19 އާ ގުޅިގެން ރައީސް އޮފީހުން އަންގަވާފައިވާ ގޮތަށް އަމަލު ކުރުމަށްޓަކައި ދައުލަތުގެ ޕަބްލިކް އެކައުންޓިން މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށް، އުސޫލުތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އޭގެތެރެއިން އިދާރީ ކަންކަމާއި އަދި ލޯކަލް ކައުންސިލްތަކުން ރައްޔިތުންނަށާއި، އެހެންފަރާތްތަކަށް ދެމުންދާ ހިދުމަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަަކައި ގޭގައި ތިބެގެން ފައިސާއާ ބެހޭ ކަންކަން ކުރެވޭނެ ގޮތަށް ކަންކަން ހަމަޖައްސައި ދީފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ކައުންސިލުތަކުންނާއި އަތޮޅުތަކުން ދޭ ހިދުމަތްތައް އިންޓަނެޓް ބޭންކިން މެދުވެރިކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކުން ފައިސާ އާ ގުޅުން ހުރި އިދާރީ ބައެއް ކަންކަމަށް ހައްލެއް ހޯދައިދީ އޮޑީޓާ ޖެނެރަލްގެ އޮފީހާއެކު މަސައްކަތް ކުރެވި، މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރުމަށްޓަކައި މަސައްކަތްތަކުގެ ޕްރޮސެސްތަކަށް ވެސް މިހާރު ބަދަލު ގެނެސްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ދައުލަތުގެ އިދާރަތަކުން ބަލައިގަންނަ ފައިސާ ލިބިގަތުމަށް "ބަނޑޭރި ޕޯޓަލް" ގެ ނަމުގައި ސިސްޓަމެއް ގާއުމުކޮށްފައިވާއިރު، މިއީ ދައުލަތުން މިހާތަނަށް އޮޓޮމޭޓަޑް ސިސްޓަމެއް މެދުވެރިކޮށް ލިބޭ ފައިސާ ބަލައިގަނެ އަދި ބޭންކް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ، ސަރުކާރުގެ ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަންގެ ދަށުން ކޯވިޑް-19 އާ ގުޅިގެން ކުރާ ޚަރަދުތައް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އާންމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން