އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު
އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު
ސަރުކާރުގެ "ގެވެށި ގުޅުން" ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން ދެ މިލިއަން ނުވަ ލައްކަ ހަތްދިހަ ދެހާސް ދުއިސައްތަ ފަސް ދިވެހި ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެހީގެ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ ހާލާ ޙަމީދެވެ. އަދި ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރެވެ.

މިއަދު ސޮއިކުރެވުނު ޖޮއިންޓް މޮނީޓަރިން މެކޭނިޒަމާއެކު ޕާކިސްތާން ސަރުކާރުން "ގެވެށި ގުޅުން ކެމްޕޭން" އަށް ދޭ ރަސްމީ އެހީ ހަމަޖެހިގެންދާނެއެވެ. "ގެވެށި ގުޅުން" ކެމްޕޭނަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޖުލައި 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސުން އިސްނަގައިގެން ދިވެހި ސަރުކާރުން ފެށި ކެމްޕޭނެކެވެ. ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ.

ޕާކިސްތާނުން މިއަދު ދިން އެހީއާއެކު ކެމްޕޭން އިތުރަށް ފުޅާކޮށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ވެގެންދާނެއެވެ. އަދި މިއެހީއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު އޮންނަ ގާތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން