ޑރ. ޝީނާ މޫސާ
ޑރ. ޝީނާ މޫސާ
މިހިނގާ މެއި މަހުގެ 30 ވަނަ ދުވަހު ރާއްޖެއިން 1600 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެދާނެ ކަމަށް އަންދާޒާ ކޮށްފިއެވެ. އެއީ މިހާރު ލަފާ ކުރާ ޕީކަށް ދާނެ ދުވަހެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެންއީއޯސީގެ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ، މިހާރު ހެދިފައިވާ އަންދާޒާތަކުން މި ހިނގާ މޭ މަހުގެ 30 އަދި 31 ގައި ބަލި ޖެހިގެން ފެންނަ މީހުން ގިނަ ވާނެ ކަމަށާއި، އެއީ 14 ދުވަހުގެ ލޮކްޑައުން ނިމި ދެން އަންނާނެ ޕީކް ކަމަށެވެ.

ޑރ. ޝީނާގެ ވާހަކައިގައި، މިހާރު ރާއްޖެ ލޮކްޑައުންގައި އޮތުމުން ބަލި ފެތުރެމުންދާ ގޮތުގެ އެންމެ ސާފު މަންޒަރެއް ފެނިވަޑައި ނުގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެ މަންޒަރު ފެނިވަޑައި ނުގަންނަވަނީ އެކަށީގެންވާ ވަރަށް ޑޭޓާ ނުވަތަ މައުލޫމާތު ލިބެން ނެތުމުން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ޑރ. ޝީނާ ވިދާޅުވީ، ބަލި ޖެހޭ މީހުންގެ ސާފު އަދަދު ނުފެންނަނީ ސާމްޕަލް ނެގޭ އަދަދު ނުވަތަ ޓެސްޓް ކުރެވޭ އަދަދު މަދުވުމުން ކަމަށެވެ.

ޑރ. ޝީނާ ހައްދަވާފައި ވާ އަންދާޒާއިން ފެންނަ ގޮތުން މިއަހަރުގެ ސެޕްޓެމްބަރާ ހަމައަށް ރާއްޖެއިން ކޯވިޑް-19ގެ ބަލި މީހުން ފެންނަމުން ދާނެއެވެ. އޭނާ ވިދާޅުވީ، ކޮވިޑަކީ، ސީޒަނަލްކޮށް އަންނަ ބައްޔެއް ކަމެއް ނުވަތަ އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތު ނެތުމުން، ރާއްޖެއިން ބަލި އަވަހަށް ނެތިގެން ދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެން ކަމުން އަންދާޒާ ކުރެވޭ ޕީކް ދުވަސްތަކުގައި ނުވަތަ ދުވަހުގައި މަދުވެގެން 34 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށާއި، 12 މީހަކު އައިސީޔޫއަށް ލާން ޖެހޭނެ ކަމަށް ޝީނާ ވިދާޅުވިއެވެ.

އަދި ޕީކް 14 ދުވަހަށް ދެމިގެން ގޮސްފިނަމަ، 6804 މީހަކު ބަލިވާނެ ކަމަށާއި، 281 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. މި 14 ދުވަހުގެ ތެރޭގައި 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާގެ އަންދާޒާ ދައްކައެވެ.

ރާއްޖޭގެ ކޯވިޑް-19ގެ މުޅި މަންޒަރަށް ބަލާނަމަ، ޖުމްލަ 77000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވާނެ ކަމަށާއި، 13000 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް 5000 އަށް ވުރެ ގިނަ މީހުން އައިސީޔޫއަށް ލާން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާ މީހުންގެ ޖުމްލަ އަކީ 642 އެވެ. އޭގެ ތެރެއިން ދެ މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ފަރީދު

08-May-2020

ޢައިބުގައިވާ ކަންތައް އެގޭނެ ކަމަށް ޤަބޫލު ނުކުރަން.ތިޔަހާ މޮޅިއްޔާ މިއަހަރު ރާއްޖެއިން މަރުވާނރ ޢަދަދު ބުނެބަލަ.



ޓްރެންޑިން