ކޯވިޑްގެ ހާލުބޮޑު މީހުންނަށް ފަރުވާދޭ ދަރުމަވަންތަ ހޮސްޕިޓަލް
ކޯވިޑްގެ ހާލުބޮޑު މީހުންނަށް ފަރުވާދޭ ދަރުމަވަންތަ ހޮސްޕިޓަލް
ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ތިންވަނަ މީހަކު މިރޭ ނިޔާވެއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ފަރުވާދެމުން އައި އުމުރުން 80 އަހަރުގެ ފިރިހެން މީހަކު މިރޭ ނިޔާވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އޭނާ ނިޔާވީ މިރޭ 11:20 ހާއިރު އެވެ.

މިދިޔަ އޭޕްރީލް 21 ގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި އެ މީހާގެ ހާލު ސީރިއަސްވެ، އައިސީޔޫ އަށް ބަދަލުކުރީ މިދިޔަ މަހުގެ 30 ގައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މޫސާ ވިދާޅުވީ، 80 އަހަރުގެ މި މީހާ ބަލިވެ އެނދުމަތިވެފައިވާތާ ދެއަހަރު ވެއްޖެ ކަމަށާއި އޭނާ އެނދުމަތި ވެފައި ވަނީ ސްޓްރޯކެއްގެ ސަބަބުން ކަމަށެވެ.

ޑރ. މޫސާ އިތުރަށް ވިދާޅުވީ، އުމުރުން 80 އަަހަރުގެ (ކޭސް 81) އަކީ އެހެނިހެން ބަލިތައް ވެސް ހުރި މީހެއް ކަމަށެވެ. އެގޮތުން، ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް ހުއްނަ މީހެއް ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ނިއުމޯނިއާގެ ބަލިމަޑުކަންވެސް ދޭތެރެ ދޭތެރެއިން ދިމާވާ ކަމަށް ޑރ. މޫސާ ވިދާޅުވެފައި ވެއެވެ.

އަދި އޭނާގެ އޮކްސިޖަން ދަށްވެގެން އޮކްސިޖަން ދެމުން ދިޔަ ކަމަށްވެސް ޑޮކްޓަރުން ވަނީ ހާމަ ކުރިން ވިދާޅުވެފައެވެ.

އުމުރުން 80 އަަހަރުގެ (ކޭސް 81) މިރޭ ނިޔާވެފައި ވާއިރު، އެ އާއިލާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި އެހެން މީހަކު ކަރަންޓީނު ފެސިލިޓީގައި އެބަހުއްޓެވެ.

ރާއްޖެ އިން ކޯވިޑް-19 އަށް 600 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން މަރުވީ ތިން މީހުންނެވެ. އެއީ މިރޭ މަރުވި 80 އަހަރުގެ މީހާގެ އިތުރުން 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ. މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 20 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން