ކޮންސްޓަރަކްޝަން މަސައްކަތް ހިނގަމުންދާ ސައިޓެއް
ކޮންސްޓަރަކްޝަން މަސައްކަތް ހިނގަމުންދާ ސައިޓެއް
ކުރިން ދޫކޮށްފައިހުރި ހުއްދަތަކުގެ ތެރެއިން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނަށް ފެތޭ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ފެށުމުގެ ހުއްދަ މާލޭސިޓީ ކައުންސިލުން ދޫކުރަން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ލޮކްޑައުން އާއި ގުޅިގެން ކޮންސްޓްރަކްޝަން މަސައްކަތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިންއާއި އެއްގޮތަށް އެ ކަައުންސިލުން އެކުލަވާލާފައިވާ އުސޫލަށް ފެތޭ ތަންތަނުގައި މިހާރު އަލުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެޗްޕީއޭގެ ސާރކިއުލާ އާއި ގުޅިގެން އިމާރާތް ކުރުމުގެ މަސައްކަތަށް ހުއްދަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ލޮކްޑައުން ވުމުގެ ކުރިން ހުށަހަޅާފައިވާ ފޯރމް ތަކާއި، ދޫކުރެވިފައިވާ ހުއްދަ ތަކަށާއި ފައުންޑޭޝަން އެޅުމަށް ކޮނެފައި ހުރި ސައިޓްތަކަށެވެ.

މިގޮތުން ހުއްދަ ދިނުމުގެ ކުރިން ކޮނެފައިވާ ސައިޓްތައް ސިވިލް އިންޖިނިއަރުން އިންސްޕެކްޓް ކޮށްފައި ވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް މިއީ ކައުންސިލުން ކުރިން ހުއްދަ ދެމުން އައި އުޞޫލުން ކޮންސްޓްރަކްޝަނަށް ހުޅުވާލީ ނޫން ކަމުގައި މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، އެޗްޕީއޭގެ ސާރކިއުލާ އާއި އެއްގޮތަށް މަސައްކަތް ކުރަމުންދޭތޯ ބެލުމުގެ ގޮތުން ކޮންސްޓްރަކްޝަން ސައިޓް ތަކާއި ބިދޭސީންގެ އެކަމޮޑޭޝަންތައް ޗެކް ކުރަމުން ދާނެ ކަމަށެވެ.

އެޗްޕީއޭ ގެ އުސޫލުގައި ވަނީ، މަސައްކަތް ކުރުމަށް ނެރޭ މީހުންގެ އެކަށީގެންވާ ގައިދުރުމިން ބަހައްޓައިގެން މަސައްކަތް ކުރެވޭނެ އަދަދެއްގެ މީހުންނަށް ވާން ޖެހޭނެ ކަމަށާއި ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރި މީހަކު ނުވަތަ ކޮންޓެކްޓަކު މަސައްކަތަށް ނެރެންވާނީ އައިސޮލޭޝަން ފުރިހަމަކުރުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކު މަސައްކަތަށް ނުނެރުމާއި، މަސައްކަތު ގަޑީގައިވެސް އަދި އެހެން ގަޑިއެއްގައިވެސް މަސައްކަތް ކުރާތަން ނޫން އެހެންތަނަކަށް މަސައްކަތްކުރާ މީހުން ނުގެންދިޔުމަށްވެސް އުސޫލުގައި ވެއެވެ.

މީގެ އިތުރުން މަސައްކަތުގައި އުޅޭއިރު ހެވީޑިއުޓީ މާސްކާއި އަންގި ބޭނުން ކުރުމާއި ގިނައިން އަތްދޮވުމަށް ބާރުއަޅައި މަސައްކަތުގެ މާހައުލުގައި އެކަމަށް ފަހިކޮށްދީފައި ހުންނަންވާނެ ކަމަށް އުސޫލުގައިވެއެވެ.

އުސޫލުގައި ބުނެފައިވާގޮތުން ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތަށް ނެރޭއިރު ކުންފުނީގެ ޔުނިފޯމު ލެއްވުމާއި މަސައްކަތް ކުރާ ސަރަހައްދަށް ގެންދާއިރު ހުންބަލައި، އަދި މުވައްޒަފުންގެ ރެކޯޑު ބަލަހައްޓަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ސިޓީ ކައުންސިލުން ބުނީ އުސޫލާ ހިލާފުވާނަމަ މަސައްކަތް ކުރުމަށް ދޫކުރާ ހުއްދަ ބާތިލު ކުރާނެ ކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 734 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސިން ހިމެނެއެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ބޮޑު އިންސައްތައަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން