ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދިވެހިރާއްޖޭގައި އަޑީދައުލަތެއް އޮތްކަމުގެ އެއްވެސް ރިޕޯޓެއް ފުލުހުންގެ ފަރާތުން މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.


ސަރުކާރުން ހަރުކަށި ފިކުރަށް ދީލައިނުލައި، މެދުމިނުގެ ފިކުރަށް ތާއީދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ. އަދި ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ވަގުތީގޮތުން ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށާއި، ނަމަވެސް ދުރު މުސްތަގުބަލުގައި އެކަމުން ލިބޭނެ ހަމަޖެހުމެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ރާއްޖޭގެ މީޑިއާ އަކަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، ރާއްޖެއަކީ ކުރިއަރަމުން އަންނަ، ތަރައްގީއާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމްވެފައި އޮތް ގައުމެއް ކަމަށާއި، ރާއްޖެ އަފްގާނިސްތާނުގައި އޮތް ޙާލަތަށް ދަތުރުކުރަމުން ވެސް ނުދާ ކަމަށެވެ.

"ނަމަވެސް ރާއްޖޭގައި ހަރުކަށި ފިކުރު އެބައޮތް. އެކަމަށް ފަރުވާ ކުރަން އެބަޖެހޭ. މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އިރާދަކުރެއްވިއްޔާ މިއަދުގެ ސަރުކާރުން ރާއްޖެ އަފްގާނިސްތާނަށް ވާން ދުލެއް ނުކޮށްލާނެ." މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރަށް ތާޢީދުކުރާ 1400 އެއްހާ މީހުން ނުވަތަ އެއަށް ވުރެ އިތުރު އަދަދެއް އުޅޭކަމަށާއި، ނަމަވެސް އޭގެ މާނައަކީ ރާއްޖެ އަފްގާނިސްތާނަށް ވުން ނޫން ކަމަށެވެ. އަދި މިސަރުކާރުން ރާއްޖެ އަފްޣާނިސްތާނަށް ވާން ފުރުސަތު ނުދޭނެ ކަމަށާއި، ކަންކަން އޮންނަ މިންވަރަށްވުރެ ބޮޑު ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށިފިކުރު އޮތްކަމަށް ބުނެ، ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިންގެ ގިނަ މީހުންނަކީ "ޕްރޮގުރެސިވް" ނުވަތަ ކުރިއެރުމަށް ތާއީދުކުރާ ބައެއް ކަމަށެވެ. އަދި ގިނަ ދިވެހިންނަކީ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި ސަގާފަތާއި އިޤުތިޞާދީ ފުދުންތެރިކަމަށް ލޯބިކުރާ "މެދުމިނު" ގެ ދީނީ ވިސްނުމެއް ގެންގުޅޭ ބައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިހެން ދިވެހިން ވޯޓުދީފައިވަނީ ޕްރޮގުރެސިވް ކެންޑިޑޭޓުންނަށް ކަމަށާއި، ދިވެހިން ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ވޯޓުނުދޭ ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައިވެއެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖޭގައި އަނިޔާވެރި ކަންކަން ހިނގާފައިވާތީ އެކަންކަން ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ތެރޭގައި ހިމެނޭ ދީނީ ބަޔަކު މިބިލާއި ދެކޮޅު ހެދުމުން ސަރުކާރުން ބިލަށް އޮތް ތާއީދު އަނބުރައި ގެންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިބިލަށް ތާއީދުކުރި ފަރާތްތައް ނުރައްކަލަށް ހުށަހެޅިގެން ދާނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ނަފްރަތުގެ ކުށްތައް މަނާކުރުމުގެ ބިލާ ދެކޮޅަށް ގިނަ ކައުންސިލްތަކުން ބަޔާން ނެރެފައިވާއިރު، 101 ދީނީ ޢިލްމުވެރިޔަކުވެސް ވަނީ ބިލް މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއް ސަރުކާރަށް ހުށައަޅާފައެވެ. އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންނާއި އާންމު ފަރުދުން ވެސް އަންނަނީ މިބިލަށް ދެކޮޅު ހަދައި ވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު