ރައީސް ޞާާާާލިޙް ހުޅުމާލޭގައި ހަދާ ކޯވިޑް ފެސިލިޓީ ބައްލަވާލައްވަނީ
ރައީސް ޞާާާާލިޙް ހުޅުމާލޭގައި ހަދާ ކޯވިޑް ފެސިލިޓީ ބައްލަވާލައްވަނީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ އަންނަ ބުރާސްފަތި ދުވަހު އޮޕަރޭޓްކުރަން ފަށާނެކަމަށް އައިޖީއެމްއެޗުން މިއަދު ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އެންޑް އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ އެންމެ ގޯސް ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ތަރައްޤީކުރާ ހުޅުމާލެ މެޑިކަލް ފެސިލިޓީއިން ޚިދުމަތް ދޭން ފެށުމަށް ނިންމާފައިވާކަމަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވާއިރު، އެ ފެސިލިޓީގެ ކޯލްޑް ސްޓޯރޭޖްގައި އެނދުރޭވުމުގެ މަސައްކަތާއި އެހެނިހެން ސިއްޙީ އާލާތްތައް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ.

ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ނިންމާލެވޭނެކަމަށް އިބްރާހިމް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން އެ ފެސިލިޓީގެ ބާކީ ހުރި ބައިތައް ތަރައްޤީކުރުމުގެ މަސައްކަތް ދިވެހި ސިފައިން މެދުކެނޑުމެއްނެތި ކުރަމުންދާކަމަށާ، މި ބައިތަކުގެ މަސައްކަތްވެސް ކުރިއަށް އޮތް ފަސްވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އިބްރާހިމް ސަލީމް ވިދާޅުވިއެވެ. އަދި މި ފެސިލިޓީ އަންނަ ބުރާސްފަތި ދުވަހު އޮޕަރޭޓްކުރަން ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދެ ފޭސްއަކަށް މި މަސައްކަތް ކުރަނީ. ފުރަތަމަ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް. މިއީ ސަރޖްއެއް އައިސިއްޔާ އެންމެ ފުރަތަމަ ބޭނުންކުރާނެތަން. މިތަން ދެ ތިން ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ. މީގެ އިތުރުން ހުރި ތަންތަން ތަރައްޤީކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުން. އެގޮތުން މި ބައިތަކަށް ބޭނުންވާ ވަސީލަތްތައް މިހާރު ރާއްޖެ ވަނީ ގެނެސްފައި. މީގެ ތެރޭގައި އިންޑިއާއިން ގެނައި ތަކެތި ހިމެނޭ." އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ އަންނަ ބުރާސްފަތި ދުވަހު އޮޕަރޭޓްކުރަން ފަށާނެކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައިވާއިރު، މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ އެ ތަނުގައި ކަރަންޓީން ވެފައިތިބި ސިފައިންނެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބައިތިއްބުމަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ މި ފެސިލިޓީއަކީ، 289 އެނދުގެ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ އެކޮމޮޑޭޝަން ބްލޮކްގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ މާހިރުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ސަރވިސް އިމާރާތުގައި ބަދިގެއާއި، ކުނި މެނޭޖްކުރާ ޔުނިޓް އަދި ލޯންޑްރީވެސް ހުންނާނެއެވެ. މި ފެސިލިޓީ ތަރައްޤީކުރުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންއީއޯސީއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން