ޑރ. އަލީ ނަޒީމް
ޑރ. އަލީ ނަޒީމް
ކޯވިޑް-19 ގެ ހާލަތު ރާއްޖޭގައި ޕީކަށް ދިއުމުން ޓްރީޓޮޕް ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދޭން އައިޖީއެމްއެޗްގެ 75 ޑޮކްޓަރުންނާއި 300 ނަރުހުން ނުކުންނާނެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ކޯވިޑް-19 އަށް އެޑްމިޑްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ފަރުވާދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލް ވަނީ 3 މަސްދުވަހަށް ސަރުކާރާއި ހަވާލުކޮށްފައެވެ. އަދި މި މުއްދަތުގައި ޓްރީޓޮޕްގެ މުވައްޒަފުންނަށް ކުރަންޖެހޭ އެންމެހާ ހަރަދުތައް ކުރާނީވެސް ޓްރީޓޮޕްގެ މެނޭޖްމަންޓުންނެވެ.

އައިޖީއެމްއެޗާއި ޓްރީޓޮޕްގެ ފަރާތުން ނޭޝަނަލް އެމަރަޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސް ޑރ. އަލީ ނަޒީމް ވިދާޅުވީ ކޯވިޑް-19 ގެ މިހާރުގެ ހާލަތު އޮތް ގޮތުން ރާއްޖޭގައި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ ގައިން ބަލި ފެނުމުގެ ފުރުސަތު މިހާރު އެބައޮތްކަމަށެވެ.

ޑރ ނަޒީމް ވިދާޅުވީ ކޯވިޑް ޖެހިގެން އައިޖީއެމްއެޗަށް ގެންނަ ބަލި މީހުން ޓްރީޓޮޕަށް ބަދަލުކުރަން މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 5 މީހަކު ޓްރީޓޮޕަށް ބަދަލުކޮށްފައިވާކަން ޑރ ނަޒީމް ފާހަގަކުރެއްވިއެވެ.

ޑރ. ނަޒީމް ވިދާޅުވީ އައިޖީއެމްއެޗުން ޓްރީޓޮޕަށް އިތުރު ފަރުވާދޭން މީހުން ބަދަލުކުރުމުގެ ކަންކަން ނިންމުމަށް 10 މެމްބަރުން ހިމެނޭ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާފައިވާކަމަށެވެ. އަދި މި ކޮމެޓިގައި ހިމެނިވަޑައިގަންނަވާނީ ކަމުގެ ޚާއްސަ ޑޮކްޓަރުންކަމަށް ނަޒީމް ވިދާޅުވިއެވެ.

"ބަލި ހާލަތު ބޮޑުވެގެންދާނެކަމަށް ބެލެވޭ ޕޭޝަނުންޓުން އަޅުގަޑުމެން މި ޓްރާންސްފަރ ކުރަނީ ޓީޓީއެޗް (ޓްރީޓޮޕްހޮސްޕިޓަލް)އަށް. އެހެންވީމަ އެއުސޫލުން މިހާރު ޓްރާންސްފަރ ކުރެވިފައިވަނީ. ދެން ކޮވިޑްގައި 80 ނުވަތަ 85 ޕަސްންޓް މީހުންނަކީ އިތުރު ފަރުވާދޭންޖެހޭ ބައެއް ނޫން." ޑރ. ނަޒީމް ވިދާޅުވިއެވެ.

ޑރ. ނަޒީމް ވިދާޅުވީ އައިޖީއެމްއެޗްގެ ފަރާތުން ބަލަހައްޓާ ފެސިލިޓީތަކުގައި ތިބޭ ޕޮޒިޓިވް މީހުން ޓްރީޓޮޕަށް ބަދަލުކުރި ނަމަވެސް ބަލިމީހުންނަށް ފަރުވާދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އައިޖީއެމްއެޗްގެ ޓީމުތަކުންކަމަށެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ޓްރީޓޮޕްގައި ހިދުމަތްދޭން ފަށާފައިމިވަނީ ޖުމްލަ 45 އެނދާއިއެކުއެވެ. މިގޮތުން އައިސީޔޫގައި އެއްފަހަރާ 15 މީހުންނަށް ފަރުވާދޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. އަދި ޖެނެރަލް ވޯޑުގައިވެސް 30 އެނދު ހުންނާނެއެވެ. އަދި ބަލި މީހުން އިތުރުވަމުން އަންނަ ވަރަށް ބަލާ މިއަދަދު އިތުރުކުރަން ވަނީ ނިންމާފައެވެ.

ޑރ ނަޒީމް ވިދާޅުވީ މިވަގުތު ޓްރީޓޮޕަށް ބަދަލުކުރާ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޓްރީޓޮޕްގެ ޓީމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ބަލި މީހުން ގިނަވަމުން ދާނަމަ އައިޖީއެމްއެޗްގެ ޓީމްތައްވެސް ޓްރީޓޮޕްގައި މަސައްކަތް ކުރަން ފަށާނެކަމަށްވެސް ޑރ ނަޒީމް ވިދާޅުވިއެވެ.

"އެންމެ ޕީކަށްދާއިރު، ގާތްގަނޑަކަށް އަޅުގަނޑުމެންގެ ފަޅިން 75 ވަރަކަށް ޑޮކްޓަރުން ޓީޓީއެޗްގައި ތިބޭނެ. މިސާލަކަށް 100 އިންޓެންސިވްކެއަރ ބެޑާ، 60 ޖެނެރަލް ބެޑް މި އިންނަނީ ބޭނުންކުރެވޭގޮތަށް. ދެން ނަރުހުންގެވެސް ވަރަށްބޮޑު ކޮންޓިންޖެންޓެއް އެކޮޅަށް މޫވްކުރާނެ އެގޮތުން 300 އެއްހާ ނަރުހުން އެކޮޅުގައި މަސައްކަތް ކުރަންދާނެ." ޑރ. ނަޒީމް ވިދާޅުވިއެވެ.

އަޖީއެމްޗުން ބުނީ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ޓްރީޓޮޕްގައި މަސައްކަތް ކުރަން ދާންޖެހުނުނަމަވެސް އާންމު ބަލިތަކަށް ފަރުވާދިނުމަށާއި، އޮޕަރޭޝަންތަކާއި އިމަރޖެންސީގައި ފަރުވާދިނުމަށް އައިޖީއެމްއެޗްގައި ޚާއްސަކުރެވިފައިވާ ސިއްޙީ ޚިދުމަތްތެރިން ހަރަކާތްތެރިވަމުންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން