ޓްރީ ޓޮޕް ހޮސްޕިޓަލް (ރަސް ފޮޓޯ، ޝާހް)
ޓްރީ ޓޮޕް ހޮސްޕިޓަލް (ރަސް ފޮޓޯ، ޝާހް)
ސަރުކާރަށް ޓްރީޓޮޕް ދީފައިވާ މުއްދަތުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ވެރިން ނުވަތަ މެނޭޖްމަންޓުން މަހަކު 20 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފެއިންބާގް ވިދާޅުވީ ކޯވިޑް-19 ގެ ކަންކަމަށް ސަރުކާރަށް ޓްރީޓޮޕް ހޮސްޕިޓަލް ދިނުމަށް ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ ބޯޑް މެންބަރުން ކަމަށެވެ. އަދި މި ނިންމުމަކީ މިދަނޑިވަޅުގައި އާންމު ރައްޔިތުންނަށް ހޮސްޕިޓަލުން ހިދުމަތެއް ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ޑޭވިޑް ވިދާޅުވިއެވެ.

އެގޮތުން ޓްރީޓޮޕްގެ ޑިރެކްޓަރުން ސަރުކާރަށް އެ ހޮސްޕިޓާ ދިނުމަށް ނިންމާފައިވަނީ ކޯވިޑް-19ގެ ކަންކަމަށް ބޭނުން ކުރުމަށް ތިން މަހުގެ މުއްދަތަށް ކަމަށާއި، އެއީ މިހާރު ޓްރީޓޮޕްގައި މަސައްކަތް ކުރާ ޓީމާއެކު ކަމަށް ޑޭވިޑް ވިދާޅުވިއެވެ. އަދި މި ތިން މަހުގެ މުއްދަތުގައި ޓްރީޓޮޕްގެ ގިނަ ހަރަދުތަކެއް ބަލަހައްޓާނީ އެ ހޮސްޕިޓަލުގެ ޝެއާހޯލްޑަރުން ކަމަށާއި، މުވައްޒަފުންގެ މުސާރައާއެކު މަހަކަށް 20 މިލިއަން ރުފިޔާ ޚަރަދު ކުރާނެ ކަމަށް ޑޭވިޑް ވިދާޅުވިއެވެ.

ޑޭވިޑް ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލް ވަނީ ނެޝަނަލް ކޮވިޑް ޓްރީޓްމަންޓް ސެންޓަރަށް ބަދަލު ކުރެވިފައި ކަމަށެވެ. އަދި ބުދަ ދުވަހުން ފެށިގެން އާންމުންނަށް ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން މި މުއްދަތުގައި ޓްރީޓޮޕަށް ބޭނުންވާ އެހެނިހެން ރިސޯސަސްތައް ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި އެގޮތުން މެޑިކަލް އިކުއިޕްމަންޓާއި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސްފަދަ ތަކެތި ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ޑޭވިޑް ވިދާޅުވިއެވެ.

ޑޭވިޑް ވިދާޅުވީ މިހާރު ޓްރީޓޮޕްގައި ތިބި މުވައްޒަފުންގެ އިތުރަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެކަން ސަރުކާރުން ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މި ތިންމަހުގައި ޓްރީޓޮޕްގެ ޔޫޓިލިޓީ ހަރަދުތައް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ޑޭވިޑް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން