ސްޓެލްކޯއިން ހުޅުމީދޫގައި ހުރި 800 ކިލޯވަޓުގެ ޖެނެރޭޓަރު ސެޓު މަރާމާތުކުރުން، ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ހުޅުމީދޫގައި ހުރި 800 ކިލޯވަޓުގެ ޖެނެރޭޓަރު ސެޓު މަރާމާތުކުރުން، ފޮޓޯ: ސްޓެލްކޯ
އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، މައްސަލަޖެހި ބޭނުންނުކުރެވި ގިނަ ދުވަސްތަކެއް ވެފައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު މަރާމާތުކޮށް، ކާމިޔާބުކަމާއެކު އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކުރި ގޮތުގައި، މި ޖަނަރޭޓަރަކީ އެ ކުންފުނިން އެ ދެ ރަށުގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވި އިރުވެސް މައްސަލަޖެހި، ހުއްޓިފައި ހުރި ޖަނަރޭޓަރެކެވެ. ނަމަވެސް ކުންފުނީގެ ފަންނީ ޓީމުން ކުރި ބުރަ މަސައްކަތުން މިހާރު ވަނީ އެ ޖަނަރޭޓަރު މަރާމާތުކޮށް، އެއްކޮށް ހިންގަން ފަށާފައެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ޖަނަރޭޓަރު ސެޓު އަލުން ބޭނުންކުރަން ފެށުމާއެކު ހުޅުދޫ އަދި މީދޫގައި ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން އެ ދެ ރަށުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޚިދުމަތް މެދުކެނޑުމެއްނެތި އިތުބާރާއެކު ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން، އެ ކުންފުނީގައި ތިބި ޤާބިލު އަދި ތަޖުރިބާކާރު މުވައްޒަފުންގެ ހުނަރާއި އިލްމުގެ އެހީގައި، މިފަދަ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.

ކަރަންޓުގެ ޚިދުމަތަކީ އަސާސީ އަދި ކޮންމެހެން ބޭނުންތެރި ޚިދުމަތަކަށް ވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތަކީ އެއްވެސް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ކަރަންޓު ޔަގީންކޮށްދިނުމެވެ. އެގޮތުން، ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ގާތުން ބަލައި، ޖަނަރޭޓަރުތައް އޯވަރހޯލް ކުރުމާއި، ކަރަންޓުގެ ވިއުގައަށް ދިމާވާ އެކި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރާއި ސްޓެލްކޯ ގުޅިގެން މެދުނުކެނޑި އަންނަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް