މިއަދު ސްރީލަންކަން އެއަރލައިންސުން ގެނައި ސާމާނު ބޯޓުން ބާލާފައި
މިއަދު ސްރީލަންކަން އެއަރލައިންސުން ގެނައި ސާމާނު ބޯޓުން ބާލާފައި
ކޯވިޑް-19 ގެ މިހާރު މިއޮތް ހާލަތަށް ދުރާލާ ވިސްނައިގެން ސަރުކާރުން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފިއެވެ.

މި 18 ވެންޓިލޭޓަރަކީ ރާއްޖެ ގެންނަން މެޑިޓެކް ކުންފުންޏާއި ހަވާލުކުރިވެންޓިލޭޓަރުތަކުގެ ތެރޭގައި ހިމެނޭ 18 ވެންޓިލޭޓަރެވެ. މި 18 ވެންޓިލޭޓަރާއެކު ސިއްހީ ބައެއް ސާމާނުވެސް މެޑިޓެކުން ގެނެސްފައިވެއެވެ. މި ތަކެތި ރާއްޖެ ގެނެސްފައިމިވަނީ ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓެއްގައެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އެޖެންޓް އިނާމޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 18 އައިސީޔޫ ވެންޓިލޭޓަރާއި އިތުރު މެޑިކަލް ސާމާނު ހިމެނޭ ގޮތަށް މެޑްޓެކް ކުންފުނީގެ ޝިޕްމަންޓް މިިއަދު މާލެ އައިސްފައިވާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެނައުމަށް ތިން ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އެއީ މެޑް ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ނާޑް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން ކުންފުންޏެވެ.

ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުން ލަސްވަމުން އަންނަ ސަބަބު ބަޔާންކޮށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް 18 ވެންޓިލޭޓަރެއް ގެނެވޭނެ ކަމަށާއި އަދި އިތުރު 10 ވެންޓިލޭޓަރެއް މިމަހުގެ 15 ގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

މީގެ އިތުރުން ނާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 20 ވެންޓިލޭޓަރު އުފެއްދުން ލަސްވެފައިވާތީ އެހެން ގޮތެއް ހޯދަމުން އަންނަކަމަށް 22 އޭޕްރިލްގައި އަންގާފައިވާކަމަށް ވެސް ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އަމީން ދެއްވި މައުލޫމާތުގައިވެއެވެ.

ސަރުކާރުން މެޑްޓެކްއާ ހަވާލު ކުރީ 14 މިލިއަން ރުފިޔާއަށް 50 ވެންޓިލޭޓަރު ގެނައުމަށެވެ. އަދި 1.3 މިލިއަން ރުފިޔާއަށް 26 ވެންޓިލޭޓަރެއް ގެންނަން ނާޑް ކުންފުންޏަށް ވެސް ވަނީ ހަވާލު ކޮށްފައެވެ.

މީގެއިތުރުން އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު އެކެއް މޭގައި ގެނެވޭނެކަމަށް އަންގާފައިވާކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައްވެސް އަދި ރާއްޖެއަށް ގެނެވިފައެއް ނުވެއެވެ.

ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކައް މި އަހަރުގެ މާރިޗް މަހުން ފެށިގެން ވަނީ ފަށާފައެވެ. ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަ ހުރި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން