ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު
ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިން މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ރަނގަޅު ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިން މައްސަލައިގެ ތަހުގީގުކޮށް އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް ގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރުމަށް ލިބޭ ގާނޫނީ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ މައްސަލައިގައި ދައުވާ ކުރުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.

އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ހިންގާފައިވާ ގޮތާއި އެކަމުގައި އަމަލު ކުރި ގޮތް، ހޯމް މިނިސްޓަރާއި ރައީސް އޮފީހުގެ އިސް ލޯޔަރަކާ އަދި ފުލުހުންގެ އެކްސްޕާޓުން ބައިވެރިވި ޕެނަލަކުން އިއްޔެ ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގު ރަނގަޅު ކަމަށާއި ދައުވާ ކުރެވޭ ވަރަށް ހެކި ހޯދުމަށް އެކަށީގެންވާ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށަ ސީޕީ ވިދާޅުވެފައިވެއެވެ.

"މި މައްސަލައިގައި ދަޢުވާ ކުރުމަށް ޕީޖީއާ ގުޅިގެން އިތުރު ގޮތްގޮތުން ހުރިކަންކަން މި އަންނަނީ ބަލަމުން." ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، ހޯމް މިނިސްޓަރ ވަނީ ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް "މޮނިކޮން އަމުރެއް" ނެރެފަ އެވެ. އެ އަމުރާ އެކު އެ މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ވަނީ ލިބިފައެވެ.

މި މީހުންނަކީ މިދިޔަ ފެބްރުއައީ މަހުގެ ހަތަރު ވަނަ ދުވަހުގެރޭ ހުޅުމާލޭގެ ތިން ސަރަހަދެއްގައި ފަތުރުވެރިންގެ ބަޔަކަށް ހަމަލާދިން މައްސަލަތަކެއްގެ ތުހުމަތުގައި ހައްޔަރުކުރި ބައެކެވެ. މި ހަމަލާ ތަކުގައި ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ފަތުރުވެރިއަކާއި، އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ.

ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް، މޮނީޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ ހަތަރުވަނަ ބާބުގެ 29 ވަނަ މާއްދާގެ (ހ )ގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ތިމަންނަ

11-May-2020

ޓެގް ތިޔަ އެޅުވެނީ ރަގަޅު ތަނެއްގައެއް ނޫން , އަޅުވަންވީ ތަނަކީ ތިންވަނަ ފައިގަ....



ޓްރެންޑިން