ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ތަހުގީގަށް ދީފައިވާ ބަޔާން ލީކުވި ގޮތް ބަލައިދޭން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ފުލުހުންނަށް ދެއްވި ބަޔާން ރާއްޖޭގެ އޮންލައިން ނޫހަކަށް ލިބިފައިވާކަމަށާއި، އަދި އެ ބަޔާނުގައި ހުރިކަމަށް ބުނާ ވާހަކަތަކެއް ވަނީ އެ ނޫހުން އާއްމުކޮށްފައެވެ. ނަމަވެސް އެ ބަޔާންތައް ލީކުވެގެން އުޅެނީ ޕީޖީ އޮފީސް ތެރެއިން ނޫންކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ޕީޖީ ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޕީޖީގެ ވާހަކަތަކަށް ރައްދު ދެމުން އިދިކޮޅު ޕީޕީއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލައި، ޝަރީއަތަށް ނޫފޫޒު ފޯރުވުމަށް މައްސަލައިގެ ބަޔާންތައް ލީކުކޮށްލީ ސަރުކާރު އަޑީގައި އޮވެގެން ކަމަށެވެ. އަދި މިހާރު މީޑިއާގައި ދައުރުވަމުންދާ ބައެއް ވާހަކަތަކަކީ، ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ދައްކަވާފައިވާ ވާހަކަތަކަކާއި އެމަނިކުފާނުގެ ފަރާތްޕުޅުން ތަހުގީގީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނެއްގެ ވާހަކަ ކަމަށްވާތީ އެ ބަޔާން ލީކުވި ގޮތް ބަލަން ޖެހޭ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން ތަހުގީގު އިދާރާއަކަށް އާންމު ފަރުދަކު ދީފައިވާ މައުލޫމާތުތަކެއް ނޫހެއްގައި ޝާއިއުކޮށް ހެދުމަކީ ޝަރީއަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ އަމަލެއްކަމުގައި ބެލެވޭއިރު އެފަދަ މައުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިއުކުރި ފަރާތުން އެކުރަނީ ޖިނާއީ ކުށެއްގެ ގޮތުގައި ސިފަ ކުރެވޭނެ ކަމަށް ދެކޭ ކަމަށްވެސް ޕީޕީއެމުން ބުނެފައިވެއެވެ.



ޕީޕީއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ރައީސް ޔާމީންގެ ބަޔާން މީޑިއާތަކަށް ލިބުނުގޮތް ހޯދައި އެފަރާތްތަކުގެ މައްސަލަ މިނިވަން މުއައްސަސާ އަކުން ބަލައި ދިނުމަށް އެދިފައިވާ ކަމަށާއި، އަދި ވީ އެންމެ އަވަހަކަށް ބަޔާން ލީކު ކޮށްލި ފަރާތަށް ފިޔަވަޅު އަޅައި ދިނުމަށް ގޮވާލާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން