ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ޞާލިޙް މިއަދު ތަސްދީގް ކުރެއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލަކީ މިއަހަރުގެ އެޕްރީލް މަހުގެ 29 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަންޖެހޭ ތާރީޚުގައި ނުބޭއްވޭނެތީ އެކަމަށް ގާނޫނީ ފަރުވާއެއް ހޯދައިދިނުމުގެ މަގުސަދުގައި އެކުލަވާލާ ފާސްކޮށްފައިވާ ބިލެކެވެ.

މި ބިލުގައި ވަނީ، ރާއްޖޭގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވެންދެން ލޯކަަލްކައުންސިލް ތަކުގެ އިންތިހާބު ފަސްކުރުމަށާއި، އެ އިންތިހާބާގުޅޭ އެނޫންވެސް ހާއްސަ އުސޫލުތަކެއް އެކަށައަޅާފައެވެ.

މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފަސްކުރެވުނީއެވެ. އަދި ފަސްކުރެވޭ އިންތިހާބު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށް ބިލުގައިވެއެވެ.

އިންތިހާބު ފަސްކުރެވުމާއެކު، އެ އިންތިހާބުގެ ބޭނުމަށްޓަކައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެގާނޫނު އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ބަލާނީ، އެ އިންތިހާބު ބޭއްވުމަށް، މި ޤާނޫނުން އަލުން ކަނޑައަޅާ ތާރީޚަށް ކަމަށް މިއަދު ތަސްދީގު ކުރެއްވި ޤާނޫނުގައި ވެއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއިއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ. އަދި މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެ މުވައްޒަފުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން އެމީހުން އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެމީހުން ކުރިއަށްގެންގޮސްގެން ނުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ މި ޤާނޫނު ތަސްދީޤު ކުރެއްވުމާއެކު އިންތިޚާބާ ގުޅިގެން ސަސްޕެންޑްވި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ވަނީ އުވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން