ނައިބްރައީސް ފައިސަލް ނަސީމް
ނައިބްރައީސް ފައިސަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން އާއި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ޙާލަތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރެވިގެން ކުރިޔަށްދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

އެގޮތުން މި ޙާލަތުގައި ހަޔަރ އެޑިއުކޭޝަންގެ ދާއިރާގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކަންތައްތައް ބަލަހައްޓަމުންދާ ގޮތްތަކާއި އެދަރިވަރުންނަށް މި ހާލަތުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަކާ އަދި ރާވާފައިވާ އުސޫލްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިދަނޑިވަޅުގައި ރާއްޖޭން ބޭރުގެ ބައެއް މުވައްޒަފުންގެ ޚިދުމަތް ނުލިބިދާނެ ގޮތެއްވެސް މެދުވެރިވެދާނެކަމަށް ބަލައި އެ ހުސްކަން ފޫބެއްދުމަށް އެފަދަ ވަޒީފާތަކަށް ރާއްޖޭގައި ތިބި މީހުން ތައްޔާރުކުރުމަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުން ވެސް މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަނާއި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިން ވަނީ ކޯވިޑް-19ގެ ޙާލަތަށްފަހު ހަޔަރ އެޑިއުކޭޝަންގެ ދާއިރާގެ ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން ވެސް މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

އެގޮތުން މިދާއިރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެންމެ އިސްކަމެއް ދޭނީ މީހުން ބިނާކުރުމަށް ނުވަތަ މީހުން ތައްޔާރުކުރުމުގެ މުހިންމު މަސައްކަތަށް ކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން މިނިސްޓަރ ވަނީ މިހާރު ރާއްޖޭން ބޭރުގައި ޕްރައިވެޓްކޮށް އަދި ސަރުކާރުގެ ސްކޮލަރޝިޕްގައި ކިޔަވަމުންދާ ކުދިންނަށް ދިމާވެދާނެ ފައިސާގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމުގެ މައުލޫމާތު ވެސް ނާއިބްރައީސާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޙާލަތުގައި މަސައްކަތްކުރާއިރު ހަޔަރ އެޑިއުކޭޝަން ދާއިރާގެ ހުރިހާ ފަރާތްތަކުންވެސް ގުޅިގެން މަސައްކަތްކޮށް ދިމާވާ މައްސަލަތައް ހައްލުކޮށްގެން ކަންކަން ކުރިޔަށްގެންދިއުމަށާއި ޞިއްޙީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ބައްޓަންކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން