މިނިސްޓަރ މަަލީހު
މިނިސްޓަރ މަަލީހު
އިންޓަނެޓްގެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ޤާނޫނަކުން ކަނޑައަޅައި ދިނުމަށް ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު އެދިވަޑައިގެންފިއެވެ.

މަލީހް ވިދާޅުވީ އިންޓަނެޓްގެ އަގާއި ޚިދުމަތް ރަނގަޅުވާން ޖެހޭ ކަމަށާއި، ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާ އެކު އިންޓަނެޓް މުހިންމު ދައުރެއް އަދާ ކުރާއިރު، އޭގެ އަގާއި ޚިދުމަތް މިހާރަށް ވުރެ ރަނގަޅުވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ބަދަލުވާންވީ ވަގުތު އަތުވެއްޖެ ކަމަށާއި އެ ބަދަލު ގެނެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ޕަބްލިކް ކުންފުނިތަކަށް ނުވަތަ ޕްރައިވެޓް ކުންފުނިތަކަށް މިއޮތް ޚިދުމަތުގެ ނިޒާމު ކޮންމެވެސް ވަރަކަށް ބަދަލުވެ، ސްޓެލްކޯ އާއި ފެން ކުންފުނި ފަދަ ކުންފުނިތަކުން ދެވޭ ފަދަ ސަރުކާރުގެ ކޮންމެވެސް ވަރަކަށް ހިއްސާއެއް އޮވެ، އެކަށީގެންވާ ހިއްސާއެއް އޮވެ ފުޅާ ކުރެވޭނެ މަގު ފަހި ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިންމު ކަމެއް." މަލީހް ވިދާޅުވީ އެވެ.

މަލީހު ވިދާޅުވީ އިންޓަނެޓްގެ ވާދަވެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވާދަވެރިކަން އަންނާނެ އިރަކާ ބެހޭގޮތުން މެމްބަރަކު ސުވާލު ކުރުމުން މަލީހު ވިދާޅުވީ އެ މަސައްކަތްތައް ފަށައިގަތުމުގެ މަރުހަލާގައި ވަނިކޮށް ކޯވިޑް-19 އާ ދިމާވުމުން ކަންކަން މަޑުޖެހިފައިވާ ކަމަށެވެ.

އިންޓަނެޓްގެ އަގުތަށް ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އެކަމަށް ވަގުތުތަކެއްވެސް ކަނޑައަޅާފައިވާ ކަމަށާއި އެމަގުން މަސައްކަތް ހިނގަމުން ދާ ކަމަށެވެ.

މަލީހް ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތްތައް ހުރިހާ ސަރަހައްދަކަށް ރަނގަޅު ކުރުމަށާއި ޚިދުމަތް ދޭ ފެންވަރު ބެލުމަށްޓަކައި ކޭމްއަށް އެކަށީގެންވާ ބަޖެޓް ލިބެންޖެހޭ ކަމަށެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގައި އެންމެ މުހިންމު ބައިވެރިއަކަށް ވާނީ އިންޓަނެޓް ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ގަޑިއެއްހާ އިރަށް ކުރިއަށް ގެންދިޔަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހާއި، ކޮމިޓީގެ މެމްބަރުންގެ ވާހަކަތައް ވެސް އަޑު ކެނޑިގެން ދިއުމާއި އެކި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން މެދުކެނޑިފައިވެއެވެ. އެހެންވެ، ސާފުކޮށް މަންޒަރާއި އަޑު ނުލިބުމުގެ ޝަކުވާތައް މެމްބަރުން ކޮމިޓީގައި ވެސް ކުރައްވާފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާލަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިސްނެންގެވުމުގެ މަތިން ކުންފުނިތަކާ ކުރެއްވި މަޝްވަރާގައި މިހާރުވެސް އިންޓަނެޓުގެ ހިދުމަތަށް ލުއިތަކެއް ދީފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ ހިދުމަތް ކަނޑައިނުލުން ކަމަށްވެސް މަލީހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން