ރަނގަޅު ދަރިންތަކެއް އުފެއްދުމުގައި މުޅި މުޖުތަމައުގެ މުހިންމު ރޯލު އޮތްކަން ދެނެގަނެ، މުޖުތަމަޢުގެ ހުރިހާ އަފުރާދުން އެކަމަށް ބާރުއަޅައި މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު، މިކަމަށް އެދިވަޑައިގެންނެވީ ދިރާސީ އައު އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ކަލާފާނު ސްކޫލުގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވަނީ ޤައުމަށް ފައިދާހުރި މަސައްކަތްތެރި ކާމިޔާބު ދަރިވަރުންތަކެއް އުފެއްދުމުގައި މުޅި މުޖުތަމައުގެ ޒިންމާ ފާހަގަކުރައްވައި، ސްކޫލު ނިންމާ ކުދިންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއްގެ ގޮތުގައި ބައްޓަންކުރުމަށް ޚާއްޞަކޮށް ބެލެނިވެރިންނާއި ޓީޗަރުން ކެނޑިނޭޅި މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

ނާއިބް ރައީސް ވަނީ މުޅި ދުނިޔަށް ކުރިމަތިވި ކޮވިޑް-19 ޕެންޑަމިކްގެ ދަތި ހާލަތުގެ ސަބަބުން އެންމެބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެެވެ. އެ ދަތި ހާލަތުގައި ވެސް ޚާއްޞަކޮށް ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ހިންގުންތެރިން، ދަރިވަރުންނާ ހަމައަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރެއްވި ބުރަ މަސައްކަތްތަކަކީ މުޅި މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްތަކެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ މިހާރު ޢާންމު ހާލަތާއި އެއްގޮތަށް ހުރިހާ ކަމަކަށް ފުރުޞަތުތައް ފަހިވަމުންދާއިރު މި ފުރުޞަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ފާއިތުވެ ދިޔަތަން އަލުން ހޯދުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް، އިންކްލޫސިވް އެޑިއުކޭޝަން ރާއްޖޭގައި ފުޅާކުރުމަށް ކުރާ މަސައްކަތްތަކާއި ތަޢުލީމީ ދާއިރާގެ މީހުންގެ މުސާރައާ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލް މަދަރުސާތަކުގެ ޖުމްލަ 92،936 ދަރިވަރުންނާ އެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން