އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކުރުމާއި މެދު އަވަހަށް ވަކިގޮތެއް ނިންމައި ދިނުމަށް އޭނާ އެދިވަޑައިގެންފިއެެވެ.

މަހުލޫފުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވަނީ ފޮނުވާފައެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މަޚުލޫފަށް ދައުވާ ކުރަން ފޮނުވާފައިވާތާ އެތަށް ދުވަހެއް ވެފައިވާއިރު އަދިވެސް އެކަމަށް ގޮތެއް ނުނިމެެއެވެ. ޕީޖީ އޮފީހުން ބުނަނީ ވަރަށް އަވަހަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.



މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑް ކޮށްފައިވާ މަހުލޫފު ވިދާޅުވީ ޕީޖީ އޮފީހަށް ގޮތެއް ނިންމަން ނޭނގި ލަސްވެގެން އުޅެނީ އޭނާގެ މައްސަލަ އެކަނި ކަމަށެވެ. އެގޮތުން އޭސީސީން މައްސަލަ ފޮނުވިތާ 65 ދުވަސް ވީއިރުވެސް އަދިވެސް ޕީޖީ އޮފީހުން ބުނަމުން ދަނީ ދައުވާ ކުރުމާމެދު ގޮތެއް ނިމޭނެ އިރެއް ނޭނގޭ ކަމަށް ކަމުގައި މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ މައްސަލައެއް ޕީޖީއަށް ފޮނުވިތާ ހަތް ދުވަސް ތެރޭގައި ދައުވާ ކުރަން ފޮނުވި ކަމަށެވެ. އަދި ކުރީގެ މަޖިލީސް މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްސަލަ އެ އޮފީހަށް ފޮނުވިތާ 10 ދުވަސް ތެރޭގައި ދައުވާކޮށްފައިވާ ކަން މަހުލޫފް ފާހަގަކުރެއްވިއެވެ. އެހެންކަމުން މަހުލޫފު ވަނީ އޭނާގެ މައްސަލައިގައި ދައުވާ ކުރިޔަސް ނުކުރިޔަސް އެމައްސަލައިގައި ގޮތެއް ނިންމަވައި ދިނުމަށް އެދިވަޑައިގެންފައެވެ.

އޭސީސީން ބުނެފައިވަނީ މަހުލޫފަށް ދައުވާ ކުރަން ފޮނުވީ އޭނާއަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައިގެންފައިވާކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. ނަމަވެސް މަހުލޫފު އެކަމާ އިންކާރު ކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން