ޖުލައި މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު ދަށަށް ހިނގައްޖެއެވެ.

މީރާއިން ބުނީ މިދިޔަ ޖުލައިމަހު މީރާއަށް އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ 624.07 މިލިއަން ރުފިޔާކަމަށެވެ. އަދި އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 6.2 އިންސައްތަ ދަށް އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ. މިދިޔަ އަހަރުގެ ޖުލައިމަހަށް ވުރެ މިއަހަރުގެ ޖުލައިމަހު ލިބުނު އާމްދަނީ ދަށްވިނަމަވެސް، ނިމުނު ޖުލައިމަހު މީރާއަށް ލިބުނު އާމްދަނީއަކީ އަންދާޒާކުރި އާމްދަނީއަށްވުރެ 13.6 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ.



މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޢީދު ބަންދު ދުވަސްތަކުގެ ސަބަބުން، ޖުލައި މަހުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް އޮގަސްޓު މަހަށް ފަސްކޮށްފައިވުމެވެ. އަދި، ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2021 ގައި އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ލޭންޑް ސޭލްސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރުގެ ޖުލައި މަހުގައި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ. އަދި މި ފީ ޖުލައި 2021 ގައި ލިބިފައިނުވާކަންވެސް މީރާއިން ފާހަގަކުރެއެވެ.

ޖުލައި 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 46.7 އިންސައްތަ ނުވަތަ 291.59 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 17.9 އިންސައްތަ ނުވަތަ 111.90 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 109.64 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި 28.19 މިލިއަން ރުފިޔާ، ވޯކް ޕަރމިޓް ފީގެ ގޮތުގައި 25.92 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 56.82 މިލިއަން ރުފިޔާ ޖުލައި މަހު މީރާއިން ވަނީ ބަލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު