ރައީސް އަބްދުﷲ ޔާމީންގެ ނާއިބު ރައީސަކަށް ހުންނަވަނިކޮށް، އެމަޤާމުން ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކިކުރި މައްސަލާގައި ބުރާސްފަތިދުވަހު ހުކުމްކުރުމަށް ނިންމައިފިއެވެ.

ޑރ. މުހައްމަދު ޖަމީލުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ 78 މެމްބަރުންގެ އަޣުލަބިއްޔަތުން އޭނާ މަޤާމުން ވަކިކުރުމަށް ފާސްކުރީ 2015 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. އަދި އެއަށްފަހު އެމަޤާމަށް އޭރު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވިި އަހުމަދު އަދީބު އަބްދުލްޣަފޫރު ވަނީ އައްޔަންކުރައްވާފައެވެ.

ޖަމީލު މަޤާމުން ވަކިކުރި މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅީ 2019 ވަނަ އަހަރުއެެވެ. މިމައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ހިމެނިވަޑައިގެންނަވާ ބެންޗަކުންނެވެ. މިމައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި ނިންމާލާފައެވެ. އަންނަ ބުރާސްފަތި ދުވަހު މިމައްސަލައިގެ ހުކުމް އިއްވެވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ރައީސް ޔާމީންގެ ނާއިބު ރައީސަކަށް ހުންނަވަނިކޮށް، ޖަމީލު މަޤާމުން ވަކިކުރެއްވުމުން އޭނާ ވަނީ އޭރުގެ އިދިކޮޅު ހަރަކާތާއި ގުޅިވަޑައިގެން، ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރައްވާފައެވެ. ނަމަވެސް މިއަދު ޖަމީލަކީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ އެން އިސް ވަކީލެވެ. އަދި ޕީޕީއެމްގެ އެޑްވައިޒަރެއްގެ މަޤާމުވެސް އޭނާ ގެންދަވަނީ ފުރުއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން