ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން އުޅޭކަމަށް ބުނެ ދައުރުކުރަމުންދާ އޮފިސަރުންގެ ލިސްޓަކީ ސައްހަ ލިސްޓެއް ނޫންކަން ހާމަވެއްޖެއެވެ.

ޕޮލިސް ބޯޑުން ފުލުުހުންގެ އިސް އޮފިސަރުންތަކެއް މަޤާމުން ވަކިކުރަން އުޅޭކަމަށް ބުނެ، ވަކިކުރާ ފުލުހުންގެ ލިސްޓެއްވެސް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫންކަމަށެވެ. ފުލުހުންގެ ވާހަކަތަކުން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ އޮފިސަރުންގެ ލިސްޓެއް އޮތްކަން އެނގެއެވެ. ނަމަވެސް އެ ލިސްޓުގައި ނެތް ބޭފުޅުންގެ ނަންތައްވެސް މީޑިއާގައި ދައުރުވަމުންދާކަމަށް ފުލުހުން ބުނެއެވެ.

ޕޮލިސް ބޯޑުން ވަނީ ބައެއް އޮފިސަރުންނާއި ގުޅޭގޮތުން ހަދަންޖެހޭ ރިވިއުތައް ހެދުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިހަށް ހުށަހަޅާފައެވެ. ޕޮލިސް ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު ސީޕީ ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށާއި، ނަމަވެސް އެކަމާއިމެދު އަދި ގޮތެއް ނުނިންމާކަމަށް ފުލުުހުން ބުނެއެވެ.

ޕޮލިސް ބޯޑުން ސީޕީއަށް ފޮނުވި ރިވިއުއަކީ ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭތީ ފޮނުވި ހުށަހެޅުމެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެކުލަވާލާފައިވާ ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. މިބޯޑަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންޖެހޭ ބޯޑެއްގެ ގޮތުގައި ގާނޫނުގައި އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

އައު ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާމެދު ގޮތެއް ނިންމަން ޖެހެއެވެ. ގާނޫނުގައި ދީފައި އޮތް ހަތަރު މަސް ދުވަހުގެ މުއްދަތު ހަމަވީ ރޭ ދަންވަރު 00:00 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން