ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުޤީޤް ދެން ފޯކަސް ކުރާނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދަންކަމަށް ރައީސްގެ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤު ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ޚާއްޞަ މަންދޫބު، އައްބާސް ފާއިޒް މިހެން ވިދާޅުވެފައި މިވަނީ، ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އައްބާސް ފާއިޒް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ތަހުޤީޤްގެ ފުރަތަމަ ބައި ވަރަށް ފުރިހަމައަށް ފުލުހުންނާއި ޕީޖީ ކުރިއަށްގެންގޮސް، 4 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމުން މަރުހަބާ ވިދާޅުވެފަށެވެ.



ފާއިޒް ވިދާޅުވީ ތަހުޤީގުގެ ދެން އޮތް އަމާޒަކީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުންކަމަށެވެ. އަދި އެކަމާއި ގުޅޭ ތަހުޤީޤްވެސް ވަރަށް ބާރަށް، ފުރިހަމައަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން ފުލުހުންނާއި ޕީޖީ އަރުވާފައިވާކަމަށް ފާއިޒް ވިދާޅުވިއެވެ.



މޭ ހައެއްގެ ހަމަލާގެ ތަހުގީގުގައި ދެން އޮތީ ހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދުން ކަމަށް އައްބާސް ވިދާޅުވި ނަމަވެސް ފުލުހުން އެންމެ ފަހުން ހަމަލާއާއި ބެހޭ ތަހުގީގުގެ މައުލޫމާތު އާންމު ކުރި ދުވަހުވެސް ބުނެފައިވަނީ މި ހަމަލާއަށް ބަޔަކު ފަންޑު ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާން ނެތް ކަމަށެވެ. އަދި އެފަދަ ކަމަކަށް ޝައްކު ކުރެވޭފަދަ އެއްވެސް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހަކަށް ދައުވާކުރުމަށް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި މި މަހުގެ ތެރޭގައި އެ މީހުންގެ ޝަރީއަތް ފެށޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ހަމަލާގެ ބާވަތުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ސިއްރު ކުރުމަށްފަހުވެސް މިމައްސަލައިގެ ޝަރީއަތް ލަވްއިކޮށް ގެންދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން