ފުލުހުން ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ޤަވާއިދު ހޯމް މިނިސްޓްރީން ގެޒެޓްކޮށްފިއެވެ.

ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ޤަވާއިދަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ބޭނުންވާ ހަތިޔާރާއި އާލަތްތައް ހޯދުމާއި، ގަތުމާއި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ލިބިގަތުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާ ޤަވާއިދެކެވެ. އަދި އެ ޤަވާއިދުގައި ފުލުހުން ބޭނުންކުރުމަށް ހުއްދަލިބޭ ހަތިޔާރާއި، އާލަތްތައް ދަރަޖަކުރުމުގެ ހަމަތައްވެސް ބަޔާންކޮށްފައިވެއެވެ.

މިޤަވާއިދުގައި ހަތިޔާރު ބޭނުންކުރުމުގެ އަސާސްތަކާއި، ހަތިޔާރު ގަތުމާއި ހޯދުމާއި، ހަތިޔާރު ރާއްޖެއަށް އެތެރެކުރުމާއި، އަދި މި ނޫންވެސް އެކަމާއި ގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

މިޤަވާއިދުގައިވާ ގޮތުން ދިމާވެފައިވާ ހާލަތާ ގުޅިގެން ބޭނުންކުރާ ހަތިޔާރަކީ، އެ ހާލަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ހަތިޔާރަކަށްވާންޖެހޭނެއެވެ. އަދި އެ ހަތިޔާރެއް ބޭނުންކުރެވޭނީ ހަތިޔާރު ބޭނުންކުރެވޭނެ ޤާނޫނީ ސަބަބެއް އޮތުމާއިއެކު އެ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ އޮތް އޮފިސަރަކަށްކަމަށް ގަވާއިދުގައި ބުނެއެވެ.

ފުލުހުން ގެންގުޅޭ ހަތިޔާރު ފަރުމާކޮށްފައި ހުންނަންޖެހޭނީ ފަޔަރ އާމްސްއާއި އެކްސްޕްލޯސިވްގެ ތެރޭގައި ނުހިމެނޭ، ފަރުދަކާ ދެކޮޅަށް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަވާނެ ގޮތަކަށްކަމަށްވެސް މިޤަވާއިދުގައި ބުނެއެވެ. އެގޮތުން އެ ހަތިޔާރެއް ވާންޖެހޭނީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ހުޅުވިފައިވާ ޑިމޮކްރަޓިކް ޤައުމުތަކުގެ ފުލުހުންގެ މުއައްސަސާތަކުގައި ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން ބޭނުންކުރާ ބާވަތުގެ ލެސްލީތަލް ހަތިޔާރަށްކަމަށްވެސް ގަވާއިދުގައި ބުނެއެވެ. އަދި ހަތިޔާރު ބޭނުންކުރުން ހުއްދަކޮށްފައިވާ ފުލުހަކަށް ނޫނީ އެއްވެސް ގޮތެއްގައި ހަތިޔާރުގެ ބޭނުންކުރުމުގެ ފުރުސަތު ނުލިބޭނެކަމަށްވެސް މިޤަވާއިދުގައިވެއެވެ.

މިޤަވާއިދުގައި ހަތިޔާރު އެއްގޮތަަކަށްވެސް ބޭނުން ނުކުރެވޭނެ ހާލަތްތަކެއްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެއްވެސް މީހަކަށް އިންޒާރުކުރުމުގެ ގޮތުން ނުވަތަ ބިރުދެއްކުމުގެ ގޮތުން، ނުވަތަ ބުއްދި ފިލައިގޮސްފައިވާ މީހަކާއިދެކޮޅަށް އަދި ބިޑި އަޅުވާފައިހުރި މީހަކަށް އަމާޒުކޮށްވެސް ހަތިޔާރު ބޭނުމެއް ނުކުރެވޭނެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިހާރު މިޤަވާއިދު ގެޒެޓްކޮށްފައި ވާއިރު، މިޤަވާއިދަށް މިދިޔަ ހޮނިހިރުދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން